ހުވަދު އަތޮޅު، ވިޔަފާރީގެ ހަބަކަށް ހެދުމަކީ އަމާޒެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސޫތުކުޅި އާއި ރާއްޖޭގެ ދެކުނާ ގުޅާލާ ކާގޯ ދަތުރުތައް ފެށުމުގެ ގޮތުން، ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، މީގެ ކުރިންވެސް ހުވަދު އަތޮޅުން ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުތައް ކުރި ކަމަށެވެ. އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ދަތުރާއެކު، އެ ދުވަސް އިޔާދަކުރަން ބޭނުންވާ ކަމަށާއި އަމާޒަކީ ހުވަދު އަތޮޅަކީ އަނެއްކާވެސް ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

"ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދައަށް ވިޔަފާރިކޮށް ވަރަށް ގިނައިން މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅެމުން އައި އަތޮޅެއް. ނަމަވެސް ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ޒަމާންވަންދެން އެކަން މިއޮތީ ހުއްޓިގެން ގޮސްފައި. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އަލުން އަނބުރާ އެ ދުވަސް ގެންނަން، އަލުން އަނބުރާ ހުވަދު އަތޮޅަކީ ވިޔަފާރީގެ ހަބެއް ކަމަށް ހަދަން،" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، އެމްއެސްއެސްއަށް ވިޔަފާރިވެރިން އިތުބާރުކުރާ ކަމަށާއި އެމްއެސްއެސްއިން އޮންނަ ތާވަލާ އެއްގޮތަށް ދަތުރުތައް ބާއްވާނެ ކަމަށެވެ.

"މީގެ ކުރިން ކޮންމެވެސް މީހެއްގެ ކާގޯއެއް، ކޮންމެވެސް މީހެއްގެ ކޮންޓެއިނަރެއް ލައިގެން ނޫނީ ނުފުރަން މަޑުކޮށްލުމާއި، ނޫނީ 40 އަކަށް ކޮންޓެއިނަރު އިތުރަށް ދެތިން ދުވަސްތެރޭ އަންނާތީވެ، އެއެއްޗެހިވެސް ލައިގެން އަންނަން މަޑުކޮށްލަން ބައެއް ފަހަރު އެބަ މަސައްކަތްކުރޭ. އެހެންވެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ދައްޗެއް އެބަ ދިމާވޭ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސޯދު ކަމަށްވާ އިންޑިއާ އާއި ހުވަދު އަތޮޅު ގުޅުމުން އެ އަތޮޅުގެ ވިޔަފާރިވެރިންނަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ. ހާއްސަކޮށް މުދާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.