ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެއެވެ.

މިފަހަރުގެ ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މި އެވޯޑު ހަފްލާ އޮތީ މިއަދު ހަވީރެވެ.

ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ ބައި އެއާގެ އެވޯޑް މޯލްޑިވިއަންގެ ފަރާތުން ހަވާލުވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާއެވެ.

ޖެނިފާ ވިދާޅުވި ގޮތުގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެކެވެ. ވައިގެ މަގުން ގުޅުވައިދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމާއި އޭވިއޭޝަންއަކީ ގުޅި ލާމެހިފައިވާ ދެ އިންޑަސްޓްރީ ކަމަށާއި މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަން އަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން އަށް މީގެ ކުރިން ވެސް މި ކެޓަގަރީން ދެ ފަހަރެއްގެ މަތިން ވަނީ ސަޓާ އެވޯޑް ލިބިފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި އެކި ކެޓަގަރީތަކުން ރާއްޖެއަށް 36 އެވޯޑް ލިބިފައިވެއެވެ. އެގޮތުން 16 ދާއިރާއަކުން ސިލްވާ އެވޯޑް ރާއްޖެއަށް ލިބިފައިވާ އިރު، 19 ދާއިރާއަކުން ގޯލްޑް އެވޯޑު ހާސިލުކޮށްފައިވެއެވެ.

ސަޓާ އެވޯޑްގައި ވިޒިޓާސް ޗޮއިސްއަށް އެވޯޑް ދީފައިވަނީ ފަސް ދާއިރާއަކުންނެވެ. އެގޮތުން ވިޒިޓާސް ޗޮއިސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑުވެސް ލިބިފައިވަނީ ރާއްޖެއަށެވެ. ލީޑިން އިންޓަނޭޝަނަލް އެއާލައިންގެ އެވޯޑް ސްރީލަންކަން އެއާލައިންސްއަށް ލިބިފައިވާ އިރު، ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން ލިބިފައިވަނީ ނޭޕާލަށެވެ. އަދި ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން އަދި ލީޑިން މައިސް ޑެސްޓިނޭޝަން އެވޯޑް ލިބިފައިވަނީ އިންޑިއާއަށެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.