ތޫފާން "ބުރެވި"ގެ ބާރުދަށްވެ ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުގެ ފޯކާސްޓަރަކު "ވަން" ވިދާޅުވީ، "ބުރެވި"ގެ ބާރު ދަށްވެ މިހާރު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭ ތޫފާނުގެ ބާރު އިތުރަށް ދަށްވެ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
ތޫފާން "ބުރެވި" މިހާރު އިންޑިއާއަށް އަރާފައިވާއިރު އިންޑިއާ ހުރަސްކޮށް އެ ތޫފާން ދެން ދަތުރު ކުރާނީ އަރަބި ކަނޑާ ދިމާލަށެވެ. އަދި ތޫފާނުގެ ބަރު ދަށްވެފައިވީ ނަމަވެސް އަރަބި ކަނޑަށް އެރުމާއެކު ތޫފާނުގެ ބާރު އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު