ތޫފާން "ބުރެވި"ގެ ބާރުދަށްވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ ފޯކާސްޓަރު ވިދާޅުވީ މިހާރު އިންޑިއާ މަތިން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ ބާރު ދަށްވެފައިވާ ކަމަށާއި ތޫފާން މިހާރު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށެވެ.

މެޓުން ބުނީ ތޫފާނުގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދުގައި މޫސުން ގޯސް ކަމަށާއި ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.

މިއަދާއި މާދަމާވެސް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސް ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މޫސުން ގޯސްވެ ވައިގަދަވެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށްވެސް މެޓުން ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން ކަނޑުގަދަވާނެ ކަމަށް ބެލެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން ކަނޑު ދަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.