ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ ފަރާތުން، އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ބައިކް މޯލްޑިވްސްގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށް މައުލޫމާތު ދީފައިވެއެވެ. ބައިކް މޯލްޑިވްސްގެ ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލުކުރުމުގެ ގޮތުން، އެޗްޕީއޭ ލަފައާއި އިރުޝާދާއެކު ތަމްރީނުތައް ކުރިއަށް ގެންދަން ރާވައި، އެކަމަށް މިހާރު ހާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

ބައިކް މޯލްޑިވްސްއިން ހިންގަން ތައްޔާރުވެފައިވާ ޓްރެއިނިންގައި ތަމްރީނު ދޭނީ، ސެޕްޓެންބަރު މަހު ސައިކްލިން ފެޑަރޭޝަން އޮފް އިންޑިއާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ، ބައިސްކަލް ކޯޗިން ކޯހުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ކޯޗުންނެވެ.

އިންޑިއާގެ ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އޮންލައިން ކޯސް ކުރިއަށްދިޔައީ ސެޕްޓެންބަރު މަހު 28 އިން ފެށިގެން އެ މަހު 10 ވަނަ ދުވަހާ ހަމައަށެވެ. އެ ކޯހުގައި ބައިކް މޯލްޑިވްސްގެ 13 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އޭޝިއާގެ ގިނަ ސައިކްލިން ފެޑަރޭޝަންތަކަކުން ބައިވެރިވި ކޯހުގައި ޖުމްލަ 198 ބައިވެރިން ތަމްރީނު ފުރިހަމަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކޯސް، ފޭސްބުކްގައި ލައިވް ޓެލެކާސްޓް ކޮށްފައި ވެއެވެ. ކޯހުގައި ކިޔަވައިދީފައި ވަނީ އިންޑިއާގެ ސައިކްލިން ފެޑަރޭޝަންގެ ތަޖުރިބާކާރު ކޯޗުންނެވެ.

ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ސައިކްލިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެކިއެކި ގައުމުތަކުގެ ޓުއާތަކަށް ވެސް އެ އެސޯސިއޭޝަންގެ މެންބަރުން ދަތުރުކޮށްފައިވާ އިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަބަދުވެސް ފެންނަނީ ކާމިޔާބުކޮށެވެ. ހާއްސަކޮށް ބައިކް މޯލްޑިވްސް އަކީ ރާއްޖޭގެ ސައިކްލިން އަށް އިންގިލާބެއް ގެނައި ހިންގުންތެރި ބައެކެވެ.