ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 116 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 10538 މީހަކަށް 116.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން ދޫކުރި ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފަ އެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއަށްވުރެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މިއަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވާލައިފައެއް ނުވެ އެވެ.
ސަރުކާރުން ފަހުން އެކުލަވާލި އިންކަމް ސަޕޯޓް އެލަވެންސް އުސޫލުގައި ބުނާ ގޮތުން، ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވެންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން އެލަވެންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވެންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.
އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު