އިންޑިއާގެ ސައިކަލިން ފެޑަރޭޝަނުން އޭޝިއާގެ ސައިކްލިން ފެޑަރޭޝަންގެ މެމްބަރު ކްލަބުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯޗުން ތަމްރީންކުރުމުގެ ކޯހެއްގައި ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ 13 ބައިވެރިޔަކު ބައިވެރިވެއްޖެ އެވެ.
އިންޑިއާގެ ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އޮންލައިން ކޯސް ކުރިއަށްދަނީ މިދިޔަ މަހު 28 އިން ފެށިގެން މިމަހު 10 ވަނަ ދުވަހާ ހަމައަށެވެ. އޭޝިއާގެ ގިނަ ސައިކްލިން ފެޑަރޭޝަންތަކަކުން ބައިވެރިވި ކޯހުގައި ޖުމްލަ 198 ބައިވެރިން ތަމްރީނު ފުރިހަމަ ކުރާނެ އެވެ.
ޒޫމް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށް ކުރިއަށްދާ މި ކޯސް، ފޭސްބުކްގައި ލައިވް ޓެލެކާސްޓް ކުރެ އެވެ. ކޯހުގައި ކިޔަވައިދެނީ އިންޑިއާގެ ސައިކްލިން ފެޑަރޭޝަންގެ ތަޖުރިބާކާރު ކޯޗުންނެވެ. ކޯހުން ހޮވާލެވޭ ކޯޗުންނަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް ލެވެލް އެކެއްގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
"އަސްލު ވަރަށް ބޮޑު އެޗީވްމަންޓެއް މިއީ. މީގެ ކުރިން ރާއްޖޭގައި ކޯޗެއް ތަމްރީނުވެފައެއް ނެތް ސައިކްލިންގެ. މިއީ ސައިކްލިން ކުރިއަރުވަން ވަރަށް ބޮޑު ފުރުސަތެއް،" ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ކޯހުގެ ފައިދާއާ ގުޅިގެން "ވަން"އަށް ވިދާޅުވި އެވެ.
ކޯހުގައި ބައިވެރިވުމަށް ބައިކް މޯލްޑިވްސް އިން ހުރިހާ މެމްބަރުންނަށް ވެސް ފުރުސަތު ހުޅުވާލި އެވެ. ރާއްޖެއަށް 10 ޖާގަ ކޯހުގައި ލިބިފައިވީ ނަމަވެސް، 13 ބައިވެރިން ބައިވެރިކުރުވީ ޝައުގުވެރިކަން ހުރި ހުރިހާ ބައިވެރިންނަށް ފުރުސަތު ދިނުމަށް ކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ. އެ ފުރުސަތަކީ ބައިކް މޯލްޑިވްސްގެ ރައީސްގެ އެދުމުގެ މަތިން ސައިކްލިން ފެޑަރޭޝަން އޮފް އިންޑިއާގެ ސެކްރެޓަރީ ޖެނެރަލް މިސްޓާ އޮންކާ ސިންހް ފަހިކޮށްދެއްވި ފުރުސަތެއްކަން ބައިކް މޯލްޑިވްސް އިން ވަނީ ފާހަގަކުރެ އެވެ.
ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ސައިކްލިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެކިއެކި ގައުމުތަކުގެ ޓުއާތަކަށް ވެސް އެ އެސޯސިއޭޝަންގެ މެމްބަރުން ދަތުރުކޮށްފައިވާ އިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަބަދުވެސް ފެންނަނީ ކާމިޔާބުކޮށެވެ. ޚާއްސަކޮށް ބައިކް މޯލްޑިވްސް އަކީ ރާއްޖޭގެ ސައިކްލިން އަށް އިންގިލާބެއް ގެނައި ހިންގުންތެރި ބައެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު