ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓިކް ސެންޓަރު ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ގާއިމުކުރި ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާ ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއް ކަމަށެވެ.
އެގޮތުން އެ ސެންޓަރުން ޑޮކްޓަރަށް ދެއްކުމާއި ހަކުރުބައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ މީހުންގެ ކެއުން ބަހައްޓާނެ ގޮތާ މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭގެ އިތުރުން އެ ސެންޓަރަށް ދައްކާ ބަލި މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.
އައިޖީއެމްއެޗުން ބުނީ، މުސްތަގުބަލުގައި އެ ސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމަންޓް ހައްދާފައިވާ މީހަކަށް މެސެޖެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، އަތޮޅުތެރޭގައި މިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔައް ސްކްރީން ކުރުމާއި ހަކުރުބައްޔާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ޑައިބެޓިކް ސެންޓަރު އެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާ ގުޅުވާލުމުގެ މަސައްކަތް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ނެޝެނަލް ޑައިބެޓިކް ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމަށާއި މައުލޫމާތު ސަފުކުރުމަށް ގުޅާނީ 3335329 ނުވަތަ މެއިލްގެ ޒަރިއްޔާއިން ނަމަ [email protected] އަށެވެ.
ޚަބަރު
ޚަބަރު