ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، އެ އިދާރާއެއްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް، ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިއު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފިއެވެ.

އެކަން އަންގައި ކޮމިޝަނަރުގެ އޮފީހުން މިއަދު ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، އެ އިދާރާއެއްގެ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރަ އާއި އިނާޔަތް، އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައި ޝާއިއު ކުރަންޖެހޭ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯއްދުމަށް ބައެއް އިދާރާތަކަށް ހުށަހަޅަމުން އަންނަކަން ފާހަގަ ކުރެވޭކަމާއި، އެ ފަދަ މައުލޫމާތަކީ ގާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތަކެއް ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، އެ މައުލޫމާތުތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރަން އަންގާ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.