ދިވެހި ރައްޔިތުން އެދެނީ ހޭލުންތެރިކަމާއި މަދަނީ ތަރައްގީ ހާސިލުވެފައިވާ ގައުމެއް ބިނާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތާރީހީ ގޮތުން ދިވެހިރާއްޖެއަށް ތަރައްގީ ގެނައުމުގައި ކުރިމަތިވި ދެކޮޅުހެދުންތަކުގެ މައްޗަށް ތަފްސީލުކޮށް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން ފުރަތަމަ ރައީސް މުހައްމަދު އަމީން އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހުޅުއްވައިލެއްވުމާއި ރަށްރަށުގައި ފުޅާ މަގުތައް ކެނޑުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް ބައެއް ފަރާތްތަކުން ހުރަސްއެޅި ނަމަވެސް، ނިހާއީ ނަތީޖާއިން މުޅި ގައުމަށް ފައިދާ ކުރި ކަމުގައި ރައީސް ވިދާޅުވިއެވެ. ދެވަނަ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުއްވުމަށް ވެސް ބަޔަކު އިންކާރުކޮށް، އިންޖީނުގެ އަޑަށް މަސް ފިލާނެ ކަމަށް ބުނި ނަމަވެސް، ޅ. ނައިފަރު އުއްމީދު ދޯނީގެ ނެވި ފަދަ ދުރުވިސްނޭ ފަރާތްތައް އެ ބަދަލު ގަބޫލުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ބޭރުގެ ތަޖުރިބާކާރުން ހެދި ދިރާސާގައި ރާއްޖޭގެ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމުން ދަތުރުފަތުރުގެ ގޮންޖެހުންތައް ހުރުމާ ހެދި، ފަތުރުވެރިކަން ކާމިޔާބު ނުވާނެ ކަމަށް ނިންމި ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ދެތިން ބޭފުޅަކު އިސްނަންގަވައިގެން ވަރަށް އާދައިގެ ގޮތަކަށް މަސައްކަތް ފެއްޓެވި ކަމަށާއި، މިއަދު ފަތުރުވެރިކަމަކީ ދިވެހި އިގުތިސާދުގެ އެންމެ އުސް ތަނބުތަކުގެ ތެރޭގައި ހިމެނޭ ސިނާއަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަރައްގީގެ ސިޔާސަތު ބިނާކުރައްވާފައިވާ ނުކުތާތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ތަރައްގީ ކަމުގައި ވިދާޅުވެ، ދިވެހި ގައުމިއްޔަތުގެ ތަރަހައިގެ މަތީގައި ރާއްޖެ އާ ޒަމާނަކަށް ބިނާކުރެއްވުމުގެ ތަސައްވުރު ރައީސް ހިއްސާކުރެއްވިއެވެ. މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ފަރުދީ އަދި ގައުމީ ފާގަތިކަން ކަށަވަރުވެ، މޫސުމީ ގޮންޖެހުންތަކާ ކުރިމަތީ ވިލުންތެރި، ވަށާޖެހޭ ގޮތުން ދުޅަހެޔޮ، ތައުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ ތަހުޒީބު މުޖުތަމައެއް ބިނާކުރެއްވުމަކީ އެމަނިކުފާނުގެ ތަސައްވުރު ކަމުގައި ވެސް ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައި ރައީސް ވިދާޅުވީ މި ދުވަހު ދިރުވަންވީ ދިވެހީންގެ މުސްތަގުބަލުގެ އަމާންކަމަށް އާނއެކޭ ބުނުމުގެ ރޫހު ކަމަށާއި، ގައުމުގެ ކުރިއެރުމަށް ހުރަސްއަޅާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމަށް ދުއާ ކުރަންވީ ކަމަށެވެ. ޖުމްހޫރީ ދުވަހުގެ ޝިއާރެއް ކަމުގައި ވާންވީ "ދިވެހިންގެ ރާއްޖެ ތަހުޒީބު މުޖުތަމައު" ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް