ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ބައްޓަންކުރައްވަން ބޭނުންފުޅުވާ ގޮތުގެ ތަސައްވުރު ކުރެހުމަކުން ތަފުސީލުކޮށް ހާމަކުރައްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، ބޯޑެއްގައި އެ މަނިކުފާނުގެ ތަސައްވުރު އަމިއްލަފުޅު އަތްޕުޅުން ކުރަހައިދެއްވައިފައެވެ.

ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތެއް ވެސް ބިނާވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިއުލާނުކުރި މެނިފެސްޓޯގެ ތަސައްވުރާ އެއްގޮތަށް ކަމަށެވެ. ގައުމު ބިނާކުރުމުގެ އެ ޕްލޭންގައި އަށް ތަނބެއް ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ތަނބެއް ވެސް ބިނާވާންޖެހޭނީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ވަރުގަދަ ފައުންޑޭޝަނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވީ އިސްލާމްދީނެވެ.

17 ނޮވެމްބަރު 2026، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްސެވި އެމަނިކުފާނު ބޭނުންފުޅުވާ ތަސައްވުރުގައި ހިމެނޭ ކަންކަން ދައްކުވައިދޭ ކުރެހުން -- ފޮޓޯ/ ރައީސް އޮފީސް

މި ތަސައްވުރުގެ ތެރޭގައި ރާއްޖެއަކީ ފާގަތި، މިނިވަންކަން ކަށަވަރުވެފައިވާ، ތިމާވެށީގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ހަމަހަމަ، އުފެއްދުންތެރި، ގުޅިގެންވާ، ސިއްހީ ގޮތުންނާއި ހުނަރުގެ ގޮތުން ވަށައިޖެހޭ، އަދި އިތުބާރު ލިބިފައިވާ ގައުމަކަށް ހެދުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޖަޒީރާ ރަށްތައް ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީ ހާސިލުކުރުމުގެ މައިގަނޑު ވަސީލަތެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ތަސައްވުރުގެ ހިޔާވައްސަކީ "ރެސްޕެކްޓް" ނުވަތަ އިހުތިރާމު ކަމަށާއި، އިހުތިރާމު އައުމުން ތަހުޒީބުވާ ކަމަށެވެ. "އަންނަން އޮތް ޖީލުތަކަށް ދޭން ބޭނުންވަނީ މިކަންކަން. ރެސްޕެކްޓް އައީމަ ތަހުޒީބު މިވަނީ" ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަކީ 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ވައުދެއް ކަމަށް ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި މުއައްސަސާތަކާ މެދު ރައްޔިތުންނާއި ބައިނަލްއަގުވާމީ ފަރާތްތައް ވެސް އިތުބާރުކުރާ ގައުމަކަށް ރާއްޖެ ހެދުމުގެ އަޒުމު މުހިންމުކަން ފާހަގަކުރެއްވިއެވެ.