ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި، އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން މުޖުތަމައުގައި ހިނގަމުންދާ ފަސާދަތައް ފިލައިގެންގޮސް އުފާވެރިކަމާއި އިހުތިރާާމާއެކީ މީގެ ކުރީން ދިވެހިން އުޅުނު ރީތި އުސޫލަށް އެނބުރި ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، އަބުރުގެ ބަދަލު ނަގައިދެވޭގޮތަށް ކަނޑައަޅައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ، މި ބިލުގެ ބޭނުމަކީ ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ކިޔަމުން ދިއުމުގެ ފުރުސަތު އޮތުމުން މުޖުތަމައު ފަސާދަކޮށް މީހުންގެ އަބުރު ގެއްލުވައިލުމުގެ ކަންތައް ކުރިއަށް ދާތީ އެކަންކަން ހުއްޓުވުން ކަމަށެވެ.
މި ފަދަ މަންޒަރު ތަކަކީ މީގެ ކުރީން މި ގައުމުން ފެނުނު މަންޒަރުތަކެއް ނޫން ނަމަވެސް މިހާރު މުޖުތަމައުން މުޅިންވެސް ފެންނަނީ އެ ފަދަ މަންޒަރުތައް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ދީދީ ވިދާޅުވީ، މީގެ ކުރިން މިއަށްވުރެ ދަތިކޮށް ދިވެހިންގެ ދިރިއުޅުން ހުރިއިރުވެސް އޮތީ، އެކަކު އަނެއްކަކަށް އިހުތިރާމް ކުރާ، އަޅާލާ، އޯގާތެރި ޖުތަމައެއް ކަމަށެވެ.
އޭރުގެ ފެނިގެން ދިޔައީ، ލޯތްބާއެކީ، ކުޑަކުދިން މައިންބަފައިންނަށް އިހްތިރާމުކުރާ، މައިން ބަފައިން ކާބަފައިންނަށް އިހުތިރާމުކުރާ، އަވަށްޓެރިންނަށް އިހްތިރާމު ކުރާ، ލޯތްބާއި އެއްބައިވަންތަ ރައްޔިތެއް، އުޅުނު މުޖުތަމައެއް ކަމަށެވެ.
ނަމަވެސް މެންބަރު ވިދާޅުވީ، ހިތާމައަކީ ބޮޑެއްކުޑައެއް ނުބަލައި، އަމާންކަމާއި ރައްކާތެރިކަމާއެކީ، މަގުމަތީގައިވެސް އުޅުމުގެ ފުރުސަތު މިހާރު ނުލިބޭ ކަމަށެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާއަކީ ތިމާމެން ހިތުހުރި ގޮތަކަށް ބޭނުންކުރަން އޮންނަ އެއްޗެެއް ކަމަށް ދެކިގެން، ހިތުހުރި މީހަކަށް ހިތުހުރި އެއްޗެއް ގޮވަމުން ގެންދާތަން ފެންނަމުންދާ ކަމަށާއި، ސްޓޭޖްތަކަށް އަރައި ހިތުހުރި މީހަކަށް ހިތުހުރި އެއްޗެއް ގޮވައި، މުޖުތަމައު ފަސާދަ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުުރުން މައިންބަފައިން ކުދިން ސްލޫކަށް ލާން ދާއިރުވެސް، ދިމާކޮށް ފުރައްސާރަކޮށް، ފޮޓޯނަގައި ސޯޝަލްމީޑިއާއަށް ލައި ފުރައްސާރަ ކުރަމުންދާ ކަމަށްވެސް ވިދާާޅުވިއެވެ.
މެންބަރު ވިދާޅުވީ، އަދަބު އިހްތިރާމުކުރުން އެއްކޮށް ނެތިގޮސްފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުުގެ ދަށުން ފެއްޓެވި، އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން މިހާރު މުޖުތަމައުގައި އުފެދިފައިވާ ނޭދެވޭ ކަންކަން ފިލައިގެންގޮސް، ދިވެހިން ކުރިން އުޅުނު ގޮތަށް، އެކަކު އަނެއްކަމަށް އިހްތިރާމްކޮށް، އެއްބައިވަންތަކަމާއި އުފާވެރިކާއެކީ އުޅެވޭނެ މުޖުތަމައެއް އުފެދުުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ދުނިޔެ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް