ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކެއް ޖެހިގެން މީހަކު ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއަށް ދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސޯޝަލް މީޑިއާގައި އައިޖީއެމްއެޗުން ރޭ އާންމުކުރި ވީޑިއޯއެއްގައި އެކަން ފާހަގަކުރައްވާފައިވަނީ އެ ހޮސްޕިޓަލުގެ ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ސަލްމާން ނިޒާމްއެވެ.
މިއީ ބިރުވެރި އަދަދެކެވެ. ބޮޑު އަދަދެކެވެ. ވާހަކަދައްކާން ޖެހޭ ސީރިއަސް މައްސަލައެކެވެ.
ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް އޮކްސިޖަން ނުލިބި ހަލާކުވުމަކީ ސިއްހީ ގޮތުން ކުއްލިއަކަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ. އާންމު ނަމުން ނަމަ ސްޓްރޯކް ޖެހުމަކީ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައި މީހާ ދާއިމީ ނުކުޅެދުންތެރިކަމަކަށް ވައްޓާލާ ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ސިއްހީ މައްސަލައެކެވެ. ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުންދާއިރު، މިއީ މުޅި ގައުމު މި ނުރައްކަލާ ދިމާއަށް ދަތުރުކުރަމުންދާ ކަމުގެ އަލާމާތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލަށް ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކް ޖެހިގެން ބަލިމީހަކު ގެންދާއިރު، ކުޑަކުޑަ އާބާދީއެއް އޮންނަ ދިވެހިރާއްޖެ ފަދަ ގައުމަކަށް މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ނަންބަރެކެވެ. ވަކި އުމުރަކަށް ބެލުމެއް ނެތި، މަސައްކަތްތެރި އާބާދީގެ ތެރެއިން ވެސް ގިނަ ބަޔަކަށް މި ބަލީގެ އަސަރު ކުރަމުންދިއުމަކީ އާއިލާތަކަށާއި މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި މައްސަލައިގެ ސީރިއަސްކަން ދެނެގަތުމަށްޓަކައި، ރާއްޖޭގައި މީހުން މަރުވާ މައިގަނޑު ސަބަބުތަކަށް ބަލައިލުން މުހިންމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން - ޑަބްލިއުއެޗްއޯ) ގެ 2019 ވަނަ އަހަރުގެ ގްލޯބަލް ހެލްތު އެސްޓިމޭޓްސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން ސްޓްރޯކް ހިމެނެނީ ހަތަރުވަނައިގައެވެ. މިނިސްޓްރީ އޮފް ހެލްތުން ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި 85 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށްވާއިރު، 2018 ވަނަ އަހަރު އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ ވެސް ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގައެވެ.
އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލުމުން ވެސް ރާއްޖޭގައި މި ބަލި ފެތުރިފައިވާ މިންވަރު ވަރަށް ސާފުކޮށް ހާމަވެއެވެ. ކޮންމެ 16 ގަޑިއިރަކުން އެ ހޮސްޕިޓަލަށް ސްޓްރޯކް ޖެހިގެން މީހަކު ގެންދާއިރު، ޖެނުއަރީ 2025 އިން ފެށިގެން އިއްޔެއާ ހަމައަށް އައިޖީއެމްއެޗުގައި ސްޓްރޯކްގެ 990 ކޭސް ރިކޯޑުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއަހަރު އެ ހޮސްޕިޓަލުގައި ފަރުވާ ދިން ކޮންމެ ހަތް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހަކަށް ވުމެވެ. މިއީ ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ މެދުގައި ވެސް މި ބަލީގެ ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެކެވެ.
މީގެ ކުރީގެ އަހަރުތަކުގެ ރިކޯޑުތަކަށް ބަލާއިރު ވެސް އަދަދުތައް ހުރީ މަތީގައެވެ. 2022 ވަނަ އަހަރުން ފެށިގެން ޑިސެންބަރު 15، 2025 އާ ހަމައަށް 4،633 މީހުކަށް ސްޓްރޯކް ޖެހިފައިވާކަން އައިޖީއެމްއެޗްގައި ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން 1،849 މީހަކާއި، އޯޕީޑީ މެދުވެރިކޮށް ފަރުވާ ހޯދި 2،784 މީހުންނެވެ. އެ މުއްދަތުގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ ތެރެއިން އެންމެ ގިނަ ކޭސް ރިކޯޑުކޮށްފައިވަނީ އުމުރުން 67 އަހަރުގެ މީހުންގެ މެދުގައި ކަމަށްވާއިރު، އެ އުމުރުފުރައިގެ 63 މީހަކަށް ސްޓްރޯކް ޖެހިފައިވެއެވެ.
ސްޓްރޯކް ޖެހިގެން ފުރާނަ ގެއްލޭ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އައިޖީއެމްއެޗުން އާންމުކުރި ތަފާސްހިސާބުތަކާ ހަވާލާދީ ދި އެޑިޝަންއިން ޑިސެންބަރު 31، 2025 ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭގެ ކުރީގެ ހަތަރު އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ސްޓްރޯކް ޖެހިގެން ގާތްގަނޑަކަށް 500 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2024 ވަނަ އަހަރު ކަމަށްވާއިރު، އެ އަހަރު އެކަނި ވެސް 151 މީހުން އެ ހޮސްޕިޓަލުގައި ސްޓްރޯކް ޖެހިގެން މަރުވެފައިވެއެވެ.
މިއީ ހަމައެކަނި އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކަށް ވާއިރު، މާލެ ސަރަހައްދުގެ އެހެން ހޮސްޕިޓަލްތަކާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ހިމެނުމުން ދުވާލަކު ސްޓްރޯކް ޖެހިގެން ފަރުވާ ހޯދަނީ ކިތައް މީހުންކަމާއި، މިދިޔަ އަހަރުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުން ދުވާލަކު ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ މީހުންގެ ޖުމްލަ އަދަދާއި، މިދިޔަ އަހަރުތަކުގައި މުޅި ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ރަސްމީ ތަފާސްހިސާބުތަކުން ކަށަވަރުވާކަށް ނެތެވެ.
މިފަދަ ގައުމީ ތަފާސްހިސާބުތައް އެއްތަނަކުން ފެންނާން ނެތުމަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ޕަބްމެޑް ސެންޓްރަލް (ޕީއެމްސީ) ގައި ޝާއިއުކޮށްފައިވާ ދެކުނު އޭޝިއާގެ ސްޓްރޯކް ފަރުވާއާ ގުޅޭ ދިރާސާއަކުން ދައްކާ ގޮތުގައި، ސިއްހީ ނިޒާމުތައް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުމުން އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ސްޓްރޯކްގެ ހިދުމަތްތައް ރޭވުމަށާއި، ތަންފީޒުކުރުމަށް އަދި ވަޒަންކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މައުލޫމާތު އެއްކުރެވޭނެ ސަވައިލަންސް ނިޒާމެއް ތަރައްގީކުރަން ޖެހެއެވެ. އިންޑިއާގައި 12 މިލިއަނެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ގޮތަށް ނޭޝަނަލް ސްޓްރޯކް ރަޖިސްޓްރީ ޕްރޮގްރާމެއް ގާއިމުކޮށްފައިވާއިރު، ގައުމީ ފެންވަރުގެ ތަފާސްހިސާބުތައް މަދުވުމުގެ މައްސަލަ ހައްލުކުރުމަށް ހޮސްޕިޓަލްތަކުގެ ރަޖިސްޓްރީތަކާއި ނޭޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމްތަކުގެ ބޭނުން ހިފައިގެން ސްޓްރޯކްގެ ބާވަތްތަކާއި، ނުރައްކާވާ ސަބަބުތަކާއި، ފަރުވާގެ ނަތީޖާތައް އެއްކުރެވިދާނެ ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ މަރުވާ މީހުންގެ ރަޖިސްޓްރޭޝަން މައުލޫމާތުތަކުގައި ވެސް މިފަދަ އުނިކަންތައްތަކެއް ހުރިކަން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރެއެވެ. ޑަބްލިއުއެޗްއޯއިން ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މީހުން މަރުވާ މައިގަނޑު ސަބަބުތައް ކަނޑައަޅާފައިވަނީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ތަފާސްހިސާބުގެ ލަފާކުރުންތަކުންނެވެ. އެތައް އަހަރެއްގެ މަރުގެ ރަޖިސްޓްރޭޝަން މައުލޫމާތު ރާއްޖޭގައި ހުރި ނަމަވެސް، އެ މައުލޫމާތުތައް ފުރިހަމަ ނުވުމާއި މަރުވާ ސަބަބު ކަނޑައެޅުމުގައި ފެންވަރުގެ ބޮޑެތި މައްސަލަތައް ހުރުމުން، އެ އަދަދުތައް ޕްރޮގްރާމްތައް ވަޒަންކުރުމަށް ބޭނުންކުރުމުގައި ސަމާލުވުމަށް އެ ޖަމިއްޔާއިން އިރުޝާދުދެއެވެ.
ގިނަ ބަޔަކު އުފައްދާ އަނެއް ސުވާލަކީ ސްޓްރޯކަކީ އުމުރުން ދުވަސްވުމުން ގުދުރަތީ ގޮތުން ޖެހޭ ބައްޔެއްތޯ ނުވަތަ މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަމެއްތޯއެވެ. ހަގީގަތުގައި އުމުރާއި ވާރުތަވުން ފަދަ ބަދަލު ނުގެނެވޭނެ ކަންކަން މީގައި ހިމެނުނު ނަމަވެސް، ސްޓްރޯކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ ދިރިއުޅުމުގެ އާދަތަކާ ސީދާ ގުޅިފައިވާ ކަންކަމެވެ. ހެލްތު މިނިސްޓްރީގެ 2023 އިން 2031 އަށް އެކުލަވާލާފައިވާ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ގައުމީ އެކްޝަން ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތަރައްގީއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ އަވަސް ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ބަލިޖެހޭ އަދި މަރުވާ މައިގަނޑު ސަބަބަކަށް ގައިންގަޔަށް ނާރާ ބަލިތައް ވަނީ ވެފައެވެ. އެގޮތުން އަނިޔާތައް ހިމެނޭ ގޮތަށް ރާއްޖޭގެ ޖުމްލަ ބަލިމަޑުކަމުގެ ނިސްބަތުގައި މި ބަލިތަކުގެ ހިއްސާ ވަނީ 78 އިންސައްތައިން 84 އިންސައްތައަށް އުފުލިފައެވެ.
ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ސިއްހީ އިދާރާތަކުން ވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކޮށްފައެވެ. ހެލްތު މިނިސްޓްރީގެ މޯލްޑިވްސް ހެލްތު ޕްރޮފައިލްގައި ލިޔެފައިވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ހަކުރާއި ތެޔޮ ގިނައިން އެކުލެވޭ ކާބޯތަކެއްޗާއި ބުއިންތައް ބޭނުންކުރުމާއި، ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމުގެ އާދަތައް އާންމުވުމުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި ހަކުރުބަލި ފަދަ ބަލިތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކަކުން ނޫންކަމާއި، ކޮންމެ ދުވަހެއްގެ ކެއިންބުއިމާއި ހަރަކާތްތެރިވެ އުޅޭ ގޮތް މީގައި ބޮޑު ދައުރެއް އަދާކުރާކަން ސާފުވެއެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކުން ވެސް މި ހަގީގަތަށް ބާރުލިބެއެވެ. ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ދުނިޔޭގައި ވެސް މީހުން މަރުވާ ދެވަނަ ސަބަބަކީ އަދި ނުކުޅެދުންތެރިކަން މެދުވެރިވާ ތިންވަނަ ސަބަބަކީ ސްޓްރޯކެވެ. ދުނިޔޭގައި ސްޓްރޯކް ޖެހޭ މީހުންގެ ގާތްގަނޑަކަށް 70 އިންސައްތަ ހިއްސާކުރަނީ މަދު އަދި މެދު އާމްދަނީ ލިބޭ ގައުމުތަކުން ކަމަށްވާއިރު، ފާއިތުވި ސާޅީސް އަހަރުގެ ތެރޭގައި އެ ގައުމުތަކުގައި ސްޓްރޯކް ޖެހޭ މިންވަރު ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ. މަތީ އާމްދަނީ ލިބޭ ގައުމުތަކާ އަޅައި ބަލާއިރު، މަދު އަދި މެދު އާމްދަނީ ލިބޭ ގައުމުތަކުގައި އެވްރެޖްކޮށް 15 އަހަރު ކުރިން މީހުންނަށް ސްޓްރޯކް ޖެހެއެވެ. މީގެ އިތުރުން، މަތީ އާމްދަނީ ލިބޭ ގައުމުތަކުގައި ސްޓްރޯކް ޖެހޭތާ ތިން އަހަރުގެ ތެރޭގައި މަރުވަނީ 16 އިންސައްތަ މީހުން ނަމަވެސް، މަދު އަދި މެދު އާމްދަނީ ލިބޭ ގައުމުތަކުގައި މި ނިސްބަތް 84 އިންސައްތައަށް އަރައެވެ.
ދިވެހިންނަށް ސްޓްރޯކް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ލޭމައްޗަށް ދިއުމެވެ. ހެލްތު މިނިސްޓްރީގެ ލޭމައްޗަށް ދިއުމަށް ފަރުވާ ދިނުމުގެ ކްލިނިކަލް ގައިޑްލައިންގައި، ޑަބްލިއުއެޗްއޯގެ 2014 ވަނަ އަހަރުގެ ރިޕޯޓަކާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 39 އިންސައްތަ ހިއްސާކުރަނީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ކަމަށްވާއިރު، އޭގެ އެންމެ އާންމު އެއް ސަބަބަކީ ލޭމައްޗަށް ދިއުމެވެ. 2020 އިން 2021 އަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ޑަބްލިއުއެޗްއޯ ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި، އުމުރުން 15 އަހަރާއި 69 އަހަރާ ދެމެދުގެ ދިވެހިންގެ ތެރެއިން 23.9 އިންސައްތަ މީހުންނަކީ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނެވެ. އޭގެ ތެރެއިން ބަލި ދެނެގަނެވިފައިވާ 87.8 އިންސައްތަ މީހުން ބޭސް ބޭނުންކުރި ނަމަވެސް، ބޭސްކާ މީހުންގެ ތެރެއިން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރެވިފައި ހުރީ އެންމެ 53.9 އިންސައްތަ މީހުންގެއެވެ.
ލޭމައްޗަށް ދިއުމުގެ އިތުރުން، ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމަކީ ވެސް ދިވެހިންގެ މެދުގައި ބޮޑުވެފައިވާ ނުރައްކަލެކެވެ. ޑަބްލިއުއެޗްއޯއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން 2020 އިން 2021 އަށް އުމުރުން 15 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ހިމަނައިގެން ކުރި ދިރާސާއިން ދައްކާ ގޮތުގައި، 14 އިންސައްތަ މީހުންގެ ގައިގައި ހުންނަންވާ ވަރަށް ވުރެ އިތުރަށް ހަކުރު ހުރެއެވެ. މި ހުރިހާ ނުރައްކާތަކަކާއެކު ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ކަސްރަތާއި ހަރަކާތްތެރިކަން ނުލިބުމަކީ ވެސް ދިވެހިން ސްޓްރޯކަށް ހުޅުވިފައި ތިބޭ މައިގަނޑު އެއް ސަބަބެވެ. ޑަބްލިއުއެޗްއޯގެ 2024 ވަނަ އަހަރުގެ ފިޒިކަލް އެކްޓިވިޓީ ޕްރޮފައިލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ ތެރެއިން 24.6 އިންސައްތަ މީހުންނަކީ އެކަށީގެންވާ ވަރަށް ހަށިގަނޑު ހަރަކާތްތެރިކޮށް ނޫޅޭ މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 25.3 އިންސައްތައާއި އަންހެނުންގެ 23.5 އިންސައްތައެވެ. ގަވައިދުން ކަސްރަތުކުރުމަކީ ހިތުގެ ބައްޔާއި، ސްޓްރޯކާއި، ހަކުރުބަލި އަދި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިކޮށްދޭ އަދި ފަރުވާއަށް އެހީތެރިވެދޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބަޔާންކޮށްފައިވެއެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށާއި ސްޓްރޯކް ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ މީހަކަށް ވެސް އަމިއްލަ ފެންވަރުގައި އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެބަހުއްޓެވެ. ހެލްތު މިނިސްޓްރީން އިރުޝާދުދޭ ގޮތުގައި، ގިނަ ދުވަސްތަކެއް ވާންދެން މަތީ މިންވަރަކަށް ލޮނު ބޭނުންކުރުމަކީ ލޭމައްޗަށް ދިއުމުގެ ނުރައްކާ ބޮޑުވެ، އޭގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ބޮޑެތި މީހުން ދުވާލަކު ބޭނުންކުރާ ލޮނުގެ މިންވަރު ފަސް ގްރާމަށް ވުރެ މަދުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ބައްޔާއި ސްޓްރޯކް އަދި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ލޮނު މަދު، ޕޮޓޭސިއަމް ގިނަ ކާނާ ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
ދިވެހިންގެ އާންމު ކެއުމުގައި ހިމެނޭ މަހަކީ ވެސް ސިއްހީ ގޮތުން ނުހަނު ފައިދާހުރި އެއްޗެކެވެ. ގަވާއިދުން މަސް ކެއުމަކީ ދޮށީ އުމުރުގެ މީހުންނަށް ހަނދާން ނެތޭ ބަލި ޖެހުމުގެ ފުރުސަތާއި، ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށާއި، މަހުގެ މޭގަނޑަކީ ވިޓަމިން އޭ ލިބޭ ރަނގަޅު ވަސީލަތެކެވެ. އެހެންކަމުން، ލޮނާއި ތެޔޮ ގިނަ ތައްޔާރީ ކާނާތަކާ ދުރުހެލިވެ، ގުދުރަތީ ފައިދާހުރި ކާނާއަށް އާދަކުރުމަކީ އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ކެއިންބުއިމަށް ގެންނަ ބަދަލުތަކާއެކު، ދިރިއުޅުމުގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލޭގެ އާބާދީގައި ކުރާ މަސައްކަތްތަކުގެ ބާވަތުން ހަރަކާތްތެރިކަން ކުޑަވުމާއި ތަރުކާރީއާއި މޭވާ ބޭނުންކުރާ މިންވަރު ދަށްވުމަކީ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ދެ ކަންތަކެވެ. އެ ޖަމިއްޔާގެ 2005 ވަނަ އަހަރުގެ ސާފް ރިޕޯޓާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، ކަސްރަތު ނުކުރުމުގެ ސަބަބުން ހިތުގެ ބަލީގެ 21 އިންސައްތައާއި، ސްޓްރޯކްގެ 11 އިންސައްތަ އަދި ހަކުރުބަލީގެ 14 އިންސައްތަ ކުރިމަތިވެއެވެ. ގަވާއިދުން ކަސްރަތުކުރުމަކީ ލޭމައްޗަށް ދިއުމާއި ހަށިގަނޑު ފަލަވުން ހުއްޓުވައިދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.
ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ވެސް އަމަލީ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިކުނޑިއާއި ނާރުގެ ބަލިތަކުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ފެބްރުއަރީ 10، 2026 ގައި އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ސެންޓަރ ފޯ ނިއުރޯސައިންސަސް އެންޑް ސްޓްރޯކް ރަސްމީކޮށް ހުޅުވައިފައެވެ. މި ސެންޓަރުގެ ސަބަބުން ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިކުނޑިއާއި މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް މަގުފަހިވެ، މުޅި ރާއްޖެ ގުޅައިލެވިފައިވާ ނިޒާމެއްގެ ތެރެއިން ސްޓްރޯކަށް އަވަސް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ބަލިމީހުންނަށް ފެންވަރު ރަނގަޅު ނިއުރޮލޮޖިކަލް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށާއި ސްޓްރޯކް ސެންޓަރު އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ފަރުވާގެ ވަސީލަތްތައް މިގޮތަށް ފުޅާކުރެވުނު ނަމަވެސް، ސްޓްރޯކްގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރެވެން އޮތީ ލޭގެ ޕްރެޝަރާއި ހަކުރު ގަވާއިދުން ކޮންޓްރޯލްކޮށް، ދުވަހުން ދުވަހަށް ކުރާ ކަސްރަތާއި ކެއިންބުއިމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ. އެހެން ނޫން ނަމަ އަހަރެމެން ކޮންމެ މީހަކުވެސް އަބަދުމެ ތިބެވޭނީ ސްޓްރޯކަށް ދައުވަތު ދީގެންނެވެ. އަމިއްލަ ސިއްހަތު ހުންނާނީ އއފަދަ ހާލަތެއްގައެވެ.
ހާރިޖީ ގުޅުން
ކްރިމިނަލް ކޯޓް
ދުނިޔެ
ކޮމެންޓް