ރަސްމާލޭ ސަރަހައްދުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި ކެސިނޯއެއް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭ ސަރަހައްދުގައި ކަންކަން އޮންނާނީ ރިސޯޓުތަކަށް ވުރެވެސް ހަނިކޮށް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި ކެސިނޯއެއް ނުހުންނާނެ ކަމަށެވެ.

އަދި ރޯދަމަހު އާންމުކޮށް މަގުމަތީގައި ކައިބޮއި ނޫޅެވޭނެ ކަމަށެވެ. އަދި އެ ތަނުގައި މިސްކިތް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ނުވަތަ އެ ނޫން ގޮތަކަށްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް އެ ތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

އެ ތަނަކީ ދިވެހި ފުލުހުން ތިބޭ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް އަދި ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ ތަނެއްކަން ފާހަގަކުރައްވައި، ގާނޫނު ފޮނުވާ އިރު އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ 25 އިންސައްތައަށް ވުރެ ގިނައިން ޕްރޮޕަޓީ ނުވިއްކޭނެ ގޮތަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި ޕާސްޕޯޓުގެ އިތުރުން ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކޮށް، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން އެންމެ ދުވަހަކަށް މަޑުކޮށްލަންވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަސްމާލޭގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި އޭގައި އޮތީ މުޅިންވެސް ރައްޔިތުންނަށް ފައިދާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިހުލާސްތެރި ނިޔަތެއް ނެތި މި މަޝްރޫއު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، މިއީ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނަކަށް ވާތީ ނުރައްކާތެރި ހުރިހާ މަގުތަކެއް ބަންދުކުރެވިފައި ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ

މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ގާތްގަނޑަކަށް ދެތިން ހަފުތާއަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ އެއްބަސްވުން އެކުލަވާލެވުމުން، އެ ފުރިހަމަ އެއްބަސްވުންވެސް ދާއިމީ ކޮމިޓީއަކުން ބެލުމަށްޓަކައި މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، ޒިންމާދާރު ސަރުކާރަކަށް މިއަށްވުރެ ފުރިހަމައަށް މިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނާއި، ދަފްތަރާއި، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ސޭލްއިން ލިބޭ 10 އިންސައްތައިގެ ތެރެއިން އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރު ބޭނުންކޮށްގެން، ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހުޅުމާލޭގައި ހުރިހާ އަސާސީ ހިދުމަތްތަކާ އެކު 5،000 ހައުސިން ޔުނިޓް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.