މުސްލިމުންގެ އެންމެ ފުރަތަމަ ގިބުލަޔަކީ އަލްއަގްސާ މިސްކިތެވެ. އެ މިސްކިތް ހުންނަނީ އިރުމަތީ ގުދުސްގައެވެ. އިޒްރޭލް ސިފައިން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރުގެ ޖޫން ފަހަކުން ދިހަޔަކަށް ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަގުރާމައިގައެވެ. އެހާތަނަށް އިރުމަތީ ގުދުސާއި އަލްއަގުސާ މިސްކިތް ބަލަހައްޓަމުން އައީ ޖޯޑަންގެ ސަރުކާރުންނެވެ. އިރުމަތީ ގުދުސާއި އަލްއަގުސާ މިސްކިތުގެ ކޮންޓްރޯލް ޖޯޑަނުން ނެގީ އިޒްރޭލާއި އަރަބީންނާ ދެމެދު ކުރެވުނު ފުރަތަމަ ހަގުރާމައާ ވިދިގެން 1948 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އިރުމަތީ ގުދުސް ހިމެނޭހެން މުޅި ހުޅަގު އައްސޭރިޔަކީ ޖޯޑަންގެ ބައެއްގެ ގޮތުގައި ޖޯޑަނުން ރަސްމީކޮށް ހަމަޖެއްސީ 1950 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. މިދެންނެވި ގޮތުގެ މަތިން އިރުމަތީ ގުދުސްއާއި އަލްއަގުސާ މިސްކިތް ޖޯޑަނުން ބެލެހެއްޓީ ޖުމްލަ 19 އަހަރުއެވެ. ކުރިން ދެންނެވި ހަ ދުވަހުގެ ހަގުރާމައިގައި ޖޯޑަންގެ ސިފައިން ބަލިކޮަށް މުޅި ހުޅަގު އައްސޭރި އިޒްރޭލުން ހިފުމާ ހަމަޔަށެވެ.

އެ ހަގުރާމަޔަކީ ހަމައެކަނި ޖޯޑަނާއި އިޒްރޭލުގެ ހަގުރާމައެއް ނޫނެވެ. އިޒްރޭލާ ދެކޮޅަށް ސީދާގޮތެއްގައި އަރަބި ހަތަރު ގައުމަކުން ހަގުރާމަ ކުރިއެވެ. އެއީ މިސްރު، ސީރިޔާ، ޖޯޑަން އަދި އިރާގެވެ. ނުސީދާގޮތުން އަރަބި އިތުރު ފަސް ގައުމަކުންވެސް މި ހަގުރާމައިގައި ބައިވެރިވިއެވެ. އެއީ ސައޫދީ އަރަބިޔާ، ކުވައިތު، ސޫދާން، އަލްޖީރިޔާ އަދި ލުބުނާނެވެ. މި ގައުމުތަކުން އަނެއް ހަތަރު ގައުމަށް ފޯރުކޮށްދިނީ ހަތިޔާރާއި ފައިސާއެވެ. އެކަމަކު ތައްޔާރުވުން ކުޑަވުމާއި ރޭވުންތެރިކަން ދޯދިޔާވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ހަ ދުވަހުގެ ތެރޭގައި އަރަބި ގައުމުތައް ބޮޑުވެގެންވާ ބަލިވުމަކުން ބަލިވެގެން ހަގުރާމަ ނިމުނީއެވެ. ނިމުނުއިރު މުޅި ހުޅަގު އައްސޭރިން ޖޯޑަންގެ ކޮންޓްރޯލް ގެއްލި އެސަރަހައްދު އިޒްރޭލުން ވަނީ ހިފައިފައެވެ. އިރުމަތީ ގުދުސާއި އަލްއަގުސާ ހިމެނޭ ގޮތުންނެވެ. މިސްރުގެ ސައިނާ އޮތީ އެއްކޮށް މިސްރަށް ގެއްލިފައެވެ. އަދި މިސްރުން ކޮންޓްރޯލް ކުރަމުންދިޔަ ފަލަސްތީނުގެ ގާޒާވެސް އޮތީ އިޒްރޭލުން ހިފައިފައެވެ.

ގޯލާންގެ އުސްބިންތަކުގެ ކޮންޓްރޯލް ސީރިޔާއަށް އޮތީ ގެއްލިފައެވެ. މި ހަގުރާމައިގައި ސީދާގޮތުން ބައިވެރިވި ހަތަރު ގައުމުގެ ތެރެއިން ބިން ނުގެއްލެނީ ހަމައެކަނި އިރާގުންނެވެ. އޭގެ ސަބަބަކީ އިރާގަކީ ސަރަހައްދީ އިމަކުން އިޒްރޭލާ ގުޅިފައިވާ ގައުމަކަށް ނުވާތީއެވެ. އަނެއް ތިން ގައުމަކީ އިޒްރޭލާއެކު ބޯޑަރު ހިއްސާކުރާ ގައުމުތަކެވެ. އިރާގާއި އިޒްރޭލު ހިއްސާކުރާ ބޯޑަރެއް ނެތުމާއެކު އެ ހަގުރާމައިގައި އިރާގު ބައިވެރިވީ އެއްގަމު ސިފައިންގެ ލަޝްކަރެއް ޖޯޑަނަށް ފޮނުވައިގެންނެވެ. އެހެންވީމާ އިރުމަތީ ގުދުސާއި ހުޅަގު އައްސޭރި އިޒްރޭލުން ހިފާފައި އެވަނީ ހަމައެކަނި ޖޯޑަން ބަލިކޮށްފައެއް ނޫނެވެ. އިރާގުވެސް ބަލިކޮށްފައެވެ. ޖޯޑަން ސެކްޓަރުގައި ހަގުރާމަކުރީ އެ ދެގައުމު ގުޅިގެން ކަމަށްވާތީއެވެ. ކޮންމެއަކަސް އެއީ މިހާތަނަށް އަރަބީންގެ އެންމެ ބޮޑު ނާކާމިޔާބީއެވެ. އިޒްރޭލުގެ އެންމެ ބޮޑު ކާމިޔާބީއެވެ. ހަގީގަތުގައި އިޒްރޭލުގެ މިކާމިޔާބީގެ ސިއްރަކީ ހުޅަގުގެ އެންމެބޮޑު ތިންބާރުން ދިން ހަތިޔާރެވެ. އެ ތިން ގައުމަކީ އެމެރިކާ، ެއިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ.

ހަގުރާމަ ނިމުނީ އދ. މެދުވެރިވެގެންނެވެ. އދ.ގެ ފަރާތުން ހުށައެޅި ހުށައެޅުމަކަށް އިޒްރޭލާއި އަރަބި ގައުމުތަކުން އެއްބަސްވެގެންނެވެ. މިދެންނެވި ޕްރޮޕޯސަލާ ގުޅުވައިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަރަށް މުހިންމު ގަރާރެެއްވެސް ފާސްކޮށްފައިވެއެވެ. އެއީ 242 ވަނަ ގަރާރެވެ. މިދެންނެވި ގަރާރުގައި ގޮވާލާފައިވަނީ އެންމެންވެސް އެއްގައުމު އަނެެއް ގައުމުގެ ސިޔާދަތަށް އިހުތިރާމް ކުރުމަށާއި ގުޅުން އުފެއްދުމަށެވެ. ހިފާފައިވާ ބިންތަކުން އިޒްރޭލް ސިފައިން ފޭބުމަށެވެ. އެކަމަކު މި ގަރާރަކަަށް އިޒްރޭލުން އަމަލެއް ނުކުރެއެވެ. މިސްރާއެކު 1979 ވަނަ އަހަރު އިޒްރޭލުން ސޮއިކުރި މަޝްހޫރު ކޭމްޕް ޑޭވިޑް އެއްބަސްވުމަށްފަހު އިޒްރޭލުން ވަނީ ސައިނާއިން ފައިބައި މިސްރާ އަލުން ހަވާލުކޮށްފައެވެ. އެކަމަކު ގާޒާ ހަވާލެއް ނުކުރިއެވެ. އެއީ ފަލަސްތީނު ކަމަށް ބުނެފައެވެ. ސީރިޔާއިން ހިފި ގޯލާނަކުން އަދި ޖޯޑަނުން ހިފި ހުޅަގު އައްެސޭރިއަކުންވެސް ނުފޭބިއެވެ. އޭގެ ބަދަލުގައި ފެނުނީ މިދެންނެވި ތަންތަން މިލްކުކޮށް އެއީ އިޒްރޭލުގެ ސިޔާދަތީ ހައްގުއޮތް ތަންތަންކަން އިއުލާނު ކުރުމުގެ މަންޒަރެވެ.

ޒާތްޒާތުގެ ޔަހޫދީ އާބާދީތައް އެތަންތަނުގައި ގާއިމުކުރުމުގެ މަސައްކަތް ގެންދަނީ ކުރިއަށެވެ. އިރުމަތީ ގުދުސް ހިފިތާ ތިން ހަފުތާވެސް ނުވަނީސް 1967 ވަނަ އަހަރުގެ ޖޫން 28 ގައި އިޒްރޭލުން ވަނީ އެއީ އިޒްރޭލުން ވަކިނުކުރެވޭނޭ އިޒްރޭލުގެ ރަސްމީ ތަނަކަށް ހަދައި އެކަން އިއުލާނުކޮށްފައެވެ. ހަމައެބީދައިން 1981 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ގޯލާންގެ އުސްބިންތައްވެސް ވަނީ ރަސްމީކޮށް އިޒްރޭލާ އެއްކޮށްލައި އެކަން އިއުލާންކޮށްފައެވެ. އިޒްރޭލުގެ މިނިންމުން ދުނިޔޭގެ ގިނަބަޔަކު ބަލައެއް ނުގަނެއެވެ. ގަބޫލެއްވެސް ނުކުރެއެވެ. އެކަމަކު އެމެރިކާޔާއި އެނޫންވެސް އިޒްރޭލުގެ ބައެއް މިތުރުން އެއީ އިޒްރޭލުގެ ސަރަހައްދުކަމަށް ބަލައިގެންފައިވެއެވެ. އިޒްރޭލުން ފޭރިގަނެގެން އަމިއްލަކޮށްގެން އުޅޭ އަރަބީންގެ ބިންތަކުގެ ތެރެއިން އިސްލާމީ ދުނިޔެއިން އެންމެ ކަންބޮޑުވަނީ އިރުމަތީ ގުދުސާމެދުގައެވެ. އެތަނަކީ މުސްލިމުންގެ ފުރަތަމަ ގިބުލަލަ ކަމަށްވާ އަގުސާ މިސްކިތް ހުންނަ ތަނަށްވާތީއެވެ.

މިދެންނެވި ހަގީގަތަށް ރިއާޔަތްކޮށްފައި އދ.ގެ ސަލާމަތީ މަޖިލީހާއި އެނޫންވެސް އެކި ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވަނީ އަދި ގޮވަމުންދަނީ އަގުސާ މިސްކިތުގެ ހުރުމަތް އިޒްރޭލުން ކަނޑައިނުލުމަށެވެ. އެ މިސްކިތަށް ޣައިރުދީންތަކުގެ މީހުންނަށް ޒިޔާރަތް ކުރެވުނަސް މުސްލިމުން ނޫންބަޔަކު އެ މިސްކިތުގައި އަޅުކަން ނުކުރުމަށެވެ. އަދި މުސްލިމުން އެތަނުގައި ނަމާދުކުރުމަށް އިޒްރޭލުން ހުރަސް ނޭޅުމަށެވެ. އިސްލާމީ ދުނިޔެއާއި ޖުމްލަކޮށް މުޅި ދުނިޔެއަށް ގޮންޖެހުމަށްޓަކައި ކަމަކަށްފަހު ކަމެެއް ކުރަމުންގޮސް މިއަހަރުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ވަނީ އަގުސާ މިސްކިތުގައި ނަމާދުކުރުން ކޮންޓްރޯލްކޮށް މުސްލިމުންނަށް އެކިކަހަލަ ހުރަސްތައް ކުރިމަތިކުރަން ފަށައިފައެވެ. އެންމެފަހުން މިހަފުތާގެ ހޯމަދުވަހު އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެންގަވީރު ވަނީ ޔަހޫދީންގެ އެއްހާސް މީހުންގެ ބޮޑު ޖަމާއަތަކާއެކު އަގުސާ މިސްކިތުގެ ތެރެއަށްވަދެ ޔަހޫދީންގެ އަޅުކަމުގެ ބޮޑު ހަރަކާތެއް އެތަނުގައި ހިންގައިފައެވެ. މިފެށުނީ ކޮންކަމެއް ބާވައެވެ. މިފެށުނީ އަގުސާ މިސްކިތް ޔަހޫދީންގެ ފައްޅިއަކަށް ބަދަލު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތަކީ މުޅި އިސްލާމީ ދުނިޔޭގެ އެންމެން އެއްއްޑަކުން ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ތެދުވާންޖެހޭ މަސައްކަތެކެވެ.