ދަރިންގެ މުސްތަގުބަލަށްޓަކައި މަންމައިން އުފުލާ ބުރަޔަކީ އަބަދުވެސް އާދަޔާހިލާފު ކަންކަމެވެ. އިންޑިއާގެ މަހާރާޝްޓްރާގެ ބީޑް ޑިސްޓްރިކްޓްގެ އަމްބަޖޯގާއީގައި ދިރިއުޅޭ އުމުރުން 47 އަހަރުގެ ރަމާބާއީ ރަންވީރު ވަނީ މިކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދީފައެވެ. އޭނާ ވަނީ އާދައިގެ ސާޅީއެއްގައި ހުރެ، ފައިވާނަކާ ނުލައި 3 ކިލޯމީޓަރުގެ ދުވުމެއްގައި ބައިވެރިވެ، ޒުވާން އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު އެއްވަނަ ހޯދާފައެވެ.

މި ދުވުމަކީ އެ ސަރަހައްދުގައި ބޭއްވި "އަމްރިތު ދައުޑް" މެރެތަންއެވެ. ފިރިމީހާ މަރުވުމަށްފަހު އަންހެން ދެ ދަރިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ، ކައްކާއެއްގެ ވަޒީފާގައި މަސައްކަތްކުރަމުން އަންނަ ރަމާބާއީ މި ރޭހުގައި ބައިވެރިވީ ވަރަށް ސާފު މަގުސަދެއްގައެވެ. އެއީ މުބާރާތުން ލިބޭ 3،000 ރުޕީސްގެ އިނާމު ހޯދައި، ދަރިންގެ ތައުލީމަށް ހޭދަކުރުމަށެވެ. އޭނާގެ އެއް ދަރިފުޅު ބޭންކިން ދާއިރާގެ އިމްތިހާނުތަކަށް ތައްޔާރުވަމުން އަންނައިރު، އަނެއް ދަރިފުޅު އަންނަނީ ފުލުހުންގެ ވަޒީފާއަށް ވަނުމަށް ތައްޔާރުވަމުންނެވެ.

ރޭހުގައި ބައިވެރިވުމަށް އޭނާގެ އަތުގައި ކުޅިވަރު ކުޅޭއިރު ލާނެ ހެދުމެއް ނުވަތަ ބޫޓެއް ނެތެވެ. އެހެންކަމުން އޭނާ ދިޔައީ އާންމުކޮށް ލައިއުޅޭ ސާޅީއެއްގައި ފައިވާނަކަށް އަރައިގެންނެވެ. ނަމަވެސް ދުވަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޗަކައިގެ ސަބަބުން ފައިވާން ކައްސަން ފެށުމުން، ފައިވާން ބޭލުމަށްފަހު އަތަށް ލައިގެން ހުސްފަޔާ ދުވުން ކުރިއަށްގެންދިޔައީއެވެ.

މުބާރާތުން އެއްވަނަ ހޯދުމަށްފަހު ރަމާބާއީ ބުނި ގޮތުގައި، ދުވަމުން ދިޔައިރު އޭނާއަށް ސިފަވަމުން ދިޔައީ ދަރިންގެ މުސްތަގުބަލެވެ. އިނާމުގެ ގޮތުގައި ލިބުނު 3،000 ރުޕީސް ބޭނުންކުރާނީ ދަރިންނަށް ފޮތް ގަތުމަށާއި ކިޔެވުމުގެ އެހެނިހެން ހަރަދުތަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ. މި ރޭހުގައި އޭނާގެ ދަރިފުޅު ޕޫޖާ ވެސް ބައިވެރިވެ، ދެވަނަ ހޯދާފައިވެއެވެ.

މިއީ ހަމައެކަނި ދުވުމެއް ނޫނެވެ. މިއީ ދަރިންގެ ތައުލީމަށްޓަކައި މަންމައަކު ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެކަން އަންގައިދޭ ދިރިހުރި މިސާލެކެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަމާބާއީގެ މި ހިތްވަރުގަދަ އަމަލަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. އޭނާގެ މި އަމަލުން ސާބިތުކޮށްދިނީ، ވަސީލަތްތައް މަދު ނަމަވެސް، ވަރުގަދަ އަޒުމަކާއެކު ނުކުމެއްޖެނަމަ ކާމިޔާބީ ހާސިލުކުރެވިދާނެ ކަމެވެ.