ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ފާމަސީތައް ދެ ގްރޭޑަކަށް ބަހާލައި، އެ ފާމަސީތަކުގައި ހުންނަންޖެހޭ ބޭހުގެ މިންވަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ހުރިހާ ފާމަސީއެއްގައި ވެސް އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ބޭހުގެ 70 ޕަސެންޓު ހުންނަން ޖެހޭ ގޮތަށް އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ފާމަސީތަކަށް ދިމާވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އާންމުކޮށް ބޭނުން ނުކުރާ ބޭސްތައް ގަވާއިދުން ގެންގުޅެން ޖެހުމުން ކުރިމަތިވާ މާލީ އަދި ހިންގުމުގެ ދަތިތަކެވެ.

އެމްއެފްޑީއޭއިން އިއްޔެ ނެރުނު އިއުލާނުގައި ވަނީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފާމަސީތައް ދެ ގްރޭޑަކަށް ބަހާލައިފައެވެ. އެގޮތުން ހެލްތު ފެސިލިޓީތަކުން ބޭރުގައި ހިންގާ ފާމަސީތައް ގްރޭޑް 1 އަށް އަދި ހެލްތު ފެސިލިޓީތަކުގެ ތެރޭގައި ހިންގާ ފާމަސީތައް ގްރޭޑް 2 އަށް ވަނީ ކަނޑައަޅައިފައެވެ.

އާ އުސޫލުގެ ދަށުން، ފާމަސީތަކުން އެ ފާމަސީއެއްގެ ގްރޭޑާ އެކަށޭނެ މިންވަރަކަށް ބޭސް ސްޓޮކް ކުރަން ޖެހެއެވެ. ހެލްތު ފެސިލިޓީތަކުގެ ތެރޭގައި ހުންނަ ފާމަސީތަކުގައި ބޭސް ހުންނަންޖެހޭ މިންވަރު އެ ފެސިލިޓީއެއްގެ ފެންވަރަށް ބަލައި ތަފާތުވާނެއެވެ. މިސާލަކަށް ޓާޝަރީ ހޮސްޕިޓަލެއްގެ ތެރޭގައި ހުންނަ ފާމަސީއަކާއި ލެވެލް ތިނެއްގެ ހޮސްޕިޓަލެއްގައި ހުންނަ ފާމަސީއެއްގައި ހުންނަންޖެހޭ ބޭހުގެ ބާވަތްތަކާއި އަދަދުތައް ތަފާތުވާނެއެވެ.

އާ އުސޫލާއެކު، ކޮންމެ ފާމަސީއަކުން ވެސް އެ ފާމަސީއެއްގެ ގްރޭޑާ ގުޅޭ ބޭހުގެ 80 ޕަސެންޓު އަބަދުވެސް ހުންނަން ޖެހޭނެއެވެ.

މި ބަދަލުތައް ތަންފީޒުކުރުމަށް ފާމަސީތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ފާމަސީތަކުން އާ މިންގަނޑުތަކަށް ފެތޭ ގޮތަށް އެތެރޭގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓަރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޭނީ އެ ފާމަސީއަކަށް ކަނޑައަޅާފައިވާ ގްރޭޑާ އެއްގޮތަށް ބޭސް ހަމަކުރުމުން ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ރާއްޖެއިން ގަވައިދުން ބޭސް ލިބޭނެ ގޮތް މަގުފަހިކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލްގެ ނަމުގައި ކުންފުންޏެއް އުފައްދައިފައެވެ.