އަސާސީ ބޭސްތައް ފަސޭހައިން ލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި، ފާމަސީތައް ދެ ގިންތިއަކަށް ބަހާލައި، އެ ތަންތަނުގައި ބޭސް ހަމަކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަ މަސްދުވަހުގެ ނޯޓިހެއް ދީފިއެވެ.

އެމްއެފްޑީއެފުން މިއަދު ބުނީ ފާމަސީތަކުގައި ހުރުން ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު މުރާޖާކޮށް ނިންމާފައިވާ ކަމަށެވެ. އެ ބަދަލާއެކު، ރާއްޖޭގައި މިހާރު ހިންގަމުންދާ ފާމަސީތަކުން، އެ ފާމަސީއެއް ނިސްބަތްވާ ގިންތިއަކަށް ކަނޑައަޅާފައިވާ ބޭސްތަކުގެ ތެރެއިން މަދުވެގެން 80 ޕަސަންޓް ބޭސް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބެން ހުންނަން ޖެހޭނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

މީގެ އިތުރުން، އަލަށް ހުޅުވާ ފާމަސީތަކަށް އުސޫލުތައް ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައި ކަމަށާއި، އެގޮތުން، އަލަށް ރަޖިސްޓްރީކުރާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ތަނެއް ހިމެނޭ ގިންތިއަށް ކަނޑައެޅިފައިވާ ހުރިހާ ބޭހެއް (100 ޕަސަންޓް) ހަމަކުރުމުންކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ފާމަސީތައް ގިންތިކޮށްފައިވާ ގޮތާއި، ބޭސްތަކުގެ ތަފުސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއަމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާމަސީ" ގައި ވަނީ ހިމަނާފައިވާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި، ހެލްތު މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން "ދިރިތި" ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.