މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ދިވެހި ގައުމަށް ފައިދާހުރި ކޮންމެ މަސައްކަތެއްކޮށްދޭ ހީވާގި ހިދުމަތްތެރިއަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމު ރުކުނެއް ކަމަށެވެ.
އިސްލާމްދީނުގައި މަސައްކަތްކުރުމަކީ ސަވާބު ލިބެނިވި މަތިވެރި އަޅުކަމެއްކަން ފާހަގަކުރައްވައި، ކާބަފައިން ބިނާކުރި ދިވެހިވަންތަ ހަޟާރަތުގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނަން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ޒަމާނުގެ އޮއިވަރަށް އައި ބަދަލުތަކާއެކު، އުފެއްދުންތެރި އަދި ވަރުގަދަ އިގުތިސާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ އަދުލުވެރި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ އިރު، ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް ބައިނަލްއަގުވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ގިނަ ޒުވާނުންތަކެއް ޒިންމާދާރު ވަޒީފާތަކަށް ނުކުންނަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީފާގެ މައިދާނުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އުމުރުން 65 އަހަރުވުމަށްފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް މިހާރު އެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަސައްކަތެއް ނުލިބި ހަވާސާވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ގައިދީންނަށްވެސް މަސައްކަތުގެ މައިދާނަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ. އިގުތިސާދީ ގޮތުން ބަލާއިރު، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި ގާބިލު ދިވެހި ކުންފުނިތަކަށް އިސްކަންދެމުންދާ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ހައްލު ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރީންނަށް ކުރީން ދަތިވެފައި އޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީން ނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާފަދަ ހަރުދަނާ ފިޔަވަޅުތަކެއް މިހާރު އަޅަމުންދާ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަމަށް އަމަލީ ސިފަ ގެންނަމުންދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
އޭގެ އިތުރުން 2045 ވަނަ އަހަރާ ހަމައަށްދާ އިރު، ތަރައްގީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންގެ ސަބަބުންކަން ފާހަގަކުރައްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަށިފޮޅައިލުމަށްފަހު އަމަލީ މައިދާނަށް ނުކުތުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު