އައްޑޫ ސިޓީ އާ 2553 ކިލޯ މީޓަރު ދުރުން ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނީ މިއަދު ހެނދުނު 9:55 ހާއިރު މިޑް އިންޑިއަން ރިޖަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ މިޑް އިންޑިއަން ރިޖަށް މިއަދު 10 ކިލޯމީޓަރު އަޑިން 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަން ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

މިޑް އިންޑިއަން ރިޖަށް މިއަދު ބިންހެލުމެއް އައިއިރު، މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާގެ އިރުމަތީގެ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރުވެސް ވަނީ ދީފަ އެވެ. ނަމަވެސް ކުޑަވަގުތުކޮޅެއް ފަހުން އެ އިންޒާރުވަނީ އުވާލާފަ އެވެ.

އެ ހާދިސާގައި އެކަކުވަނީ މަރުވެފަ އެވެ.