މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 89 މަސްވެރިޔަކަށް ލޯނު ދޫކޮށްފި އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު" ގައި ބުނެފައިވާ ގޮތުގައި އެ ލޯނުތައް ދޫކުރަނީ، ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ލިބެއެވެ. މި އާ އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުން ނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެއެވެ.

"ސަރުކާރު"ގައި ބުނެފައިވާ ގޮތުގައި މުއައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީ ގޮތެއްގައި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ގައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭ ގޮތް ކަނޑައަޅައި ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.