ސަރުކާރުގެ އަމާޒަކީ މިހާރު މަސައްކަތް ފަށައި އަދި ފަށަން ނިންމާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތް މި އަަހަރުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށް ފިޝަރީޒް މިނިސްޓްރު އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައިސްޕްލާންޓްތައް ހަދަން ނިންމާފައި ވަނީ ސަރުކާރުގެ ހަރަދު އަދި ސައުދީ ފަންޑުގެ އެހީގައި ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް ހަ ރަށެއްގައި އައިސްޕްލާންޓު ގާއިމްކޮށް ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި ނުވަ އައިސް ޕްލާންޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ސައުދީ ފަންޑުންވެސް ފަސް އައިސްޕްލާންޓަށް ފަންޑު ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ޖުމްލަ 23 އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މޫސުމީ މަސްވެރިކަމުގައި އައިސްއަށް ޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

އަމަލީ މަސައްކަތް ކުރިއަށްދާ އައިސް ޕްލާންޓްތައް:

  • ލ. މާބައިދޫ
  • ލ. މާވަށް
  • ލ. ހިތަދޫ
  • މ.ވޭވަށް
  • ޅ. ނައިފަރު
  • ށ. ކޮމަންޑޫ
  • މ. މުލައް
  • ކުޅުދުއްފުށި ސިޓީ
  • ދ. ހުޅުދެލި

ސަޢުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓް އަޅާ ރަށްތައް:

  • - ގދ. ރަތަފަންދޫ
  • އއ. ރަސްދޫ
  • ހއ. ދިއްދޫ
  • ގއ. ދާންދޫ
  • ކ. ގާފަރު

މިނިސްޓަރު ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަށްތަކަކީ:

  • ގއ. ކޫއްޑޫ - 4،000 ޓަން ކެޕޭސިޓީ
  • މ. މުލައް - 500 ޓަނު ކެޕޭސިޓީ
  • ޅ. ފެލިވަރު - 4،000 ޓަނު ކެޕޭސިޓީ
  • ގދ. ތިނަދޫ - 1000 ޓަނު ކެޕޭސިޓީ

ކޯލްޑް ސްޓޯރޭޖް އަޅަން ނިންމާފައިވާ ރަށްތައް:

  • ސ. ހުޅުމީދޫ - 500 ޓަން ކެޕޭސިޓީ
  • ތ. ހިރިލަންދޫ - 200 ޓަން ކެޕޭސިޓީ
  • ހއ. އިހަވަންދޫ - 1000 ޓަނު ކެޕޭސިޓީ
  • ކަނޑުއޮއްގިރި - 200 ޓަން ކެޕޭސިޓީ