މެކްސިކޯގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ މަރާލައިފިއެވެ.

މެކްސިކޯގެ އާމީއިން ކުރިޔަށް ގެންދިޔަ ސެކިއުރިޓީ އޮޕަރޭޝަނެއްގައި އެގައުމުގެ އެންމެ ނުރައްކާތެރި އަދި ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ ކުށްވެރިޔާ ނެމެސިއޯ އޮސެގުއެރާ މަރާލާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ އެއޮޕަރޭޝަންގައި މަރާލާފައިވާ ނެމެސިއޯ އޮސެގުއެރާ ނުވަތަ ގޭންގު ނަމުންނަމަ އެލް މެންޗޯ އަކީ އެގައުމުގެ ބޮޑު ޑްރަގް ކާޓެލް އެއް ކަމަށްވާ ޖަލިސްކޯ ނިއު ޖެނެރޭޝަންގެ ލީޑަރެވެ.

މެކްސިކޯގެ ޑިފެންސް މިނިސްޓްރީއިން ވަނީ އެލް މެންޗޯ މަރުވެފައިވަނީ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ވައިގެ މަގުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ބުނެފައެވެ.

މެކްސިކޯގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ އެލް މެންޗޯ އަކީ އެމެރިކާއިން ވެސް ހޯދަމުން ދިޔަ ކުށްވެރިއެކެވެ. އެމެރިކާއިން ވަނީ އޭނާ ހޯދުމަށް މައުލޫމާތު ހިއްސާކުރާ މީހަކަށް 15 މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅައިފައެވެ.