ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ޝައިހްގެ ހާލު ގޯސްވީ ދީނީ ދަރުސް ދެއްވަން މާލެ ވަޑައިގެން އުޅުއްވަނިކޮށެވެ.

ޝައިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު ހުން ގަދަވެ ހާލު ދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް ޝެއިހް އެޑްމިޓްކޮށްފައިވާ ކަމަށެވެ.

"ބައެއް ސީރިއަސް ކަންކަން ހިމެނޭތީވެ ޓެސްޓުތަކެއް ކުރިއަށް ގެންދާނެކަމަށް ޑޮކްޓަރު ވަނީ އަންގަވާފަ. އެންމެ ބޭފުޅުންގެ ހެޔޮ ދުއާއަށް އެދެން،" އެ ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.

ޝެއިހް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ.

ޝެއިހް އިބްރާހިމް ވަނީ ލޮލުގެ ފަރުވާ ހޯދުމަށް ދާދިފަހުން އާންމުންގެ އެހީއަށް ވެސް އެދިފައެވެ. ސިއްހީ ހާލަތާ ގުޅިގެން ދުވަސްތަކެއް ވަންދެން ޝެއިހް ވަނީ މަސައްކަތާ ދުރުގައި ވެސް އުޅުއްވައިފައެވެ.