މާދަމާ ހިފާ އިރު ކޭތައަކާ ގުޅިގެން މާދަމާ ރޭ ހަނދު ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މުސްލިމް ގައުމުތަކުން ތައްޔާރުވަމުން އަންނަ އިރު ގިނަ ގައުމުތަކުން މާދަމާ ރޭ ހަނދު ސާބިތު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ.

މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގެ ތެރެއިން ސައުދީ އާއި ޔޫއޭއީ ފަދަ ގައުމުތަކުން ހަނދު ސާބިތު ކުރުމަށް މާދަމާއަށް ވަނީ ތައާވަލު ކޮށްފައެވެ.

ހަނދު ސާބިތުކުރުމަށް ފަލަކީ އިލްމުވެރިން ބަލާ މިންގަނޑުތަކާއި ޖަހާ ހިސާބުތަކުން މާދަމާ ރޭ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް އިލްމުވެރިން ބުނެއެވެ.

ބައެއް ފަލަކީ އިލްމުވެރިން ބުނެފައިވާ ގޮތުގައި ހިސާބުތަކުން ދައްކާގޮތުން މާދަމާ އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސިގެންދާނެ ކަމަށެވެ. އެގޮތުން އިރު އޮއްސެމުން ދާއިރު ހަނދުވެސް އިރާ ދާދި އެއް ހަމައެއްގައި އޮއްސެމުން ދާނެ ކަމަށް ބުނެފައިވެއެވެ.

މާދަމާ އިރު ކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ އިރު، ހަނދު ސާބިތު ކުރުމަށް ހަނދަށް ބެލުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ.

މާދަމާ ރޭ ހަނދު ނުފެންނާނެ ކަމަށް ބައެއް އިލްމުވެރިން ހިސާބު ޖަހާފައިވާ އިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި އަންނަ ބުރާސްފަތި ދުވަސް ވުމަކީ އެކަށީގެން ވާ ކަމެއް ކަމުގައި އެފަރާތްތަކުން ބުނެއެވެ.

އެގޮތުން ބައެއް އަރަބި ގައުމުތަކުން ވެސް ވަނީ މުލަ ރޯދަ ދުވަހަކީ ބުރާސްފަތި ކަމަށްވުން ވަރަށް ބޮޑަށް ބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން ޔޫއޭއީގެ ފަލަކީ އިލްމުވެރިން ވެސް ވަނީ މިފަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ބުރާސްފަތި ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. ނަމަވެސް ސައުދީން ވަނީ މުލަ ރޯދަ ދުވަސް ބުދަ ދުވަހަށް ވާނެ ކަމަށް ބުނެފައެވެ.