އަލިރަސްގެފާނު ފަދަ ހިތްވަރުގަދަ ދަރިން ދިވެހި ޖީލުގެ ކަރާމަތް ދަމަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލިރަސްގެފާނު، ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމައަށް ކުރެއްވި ހިތްވަރު ތާއަބަދަށް މި ގައުމުގައި އަބަދުވެސް އާލާވެފައި ހުންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމް ވަރުގަދަ ދަރިން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ. މަތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމިއޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވި ފަހުލަވާނުން އަދި ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ދަރިންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް އާކުރަނީ ޝުކުރުވެރިކަމާއެކު ކަމަށެވެ.

އަލިރަސްގެފާނު ޝަހީދުވިތާ މިއަދު މި ފުރުނީ 482 ވަނަ އަހަރެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެންފައިވަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހުގައެވެ.

އަލިރަސްގެފާނު ރާއްޖޭގެ ރަސްކަމަށް އިސްކުރެވިފައިވަނީ ހިޖުރައިން 965 ވަނަ އަހަރުގައެވެ. އަލިރަސްގެފާނު ރަސްކަން ކުރައްވާފައިވަނީ ދެ މަހާއި 15 ދުވަހަށެވެ.