ސަރުކާރު އޮފީސްތަކުގެ އޮންލައިން ޕޯޓަލް "އީފާސް" ގެ ދެވަނަ ވާޝަން އެއް މިއަހަރުގެ މެދުތެރޭގައި ނުވަތަ އޭގެކުރިން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ކިނާނަތު ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ގެ ދަށުން އެ ވާޝަން ނެރޭނީ ބޮޑު އަޕްގްރޭޑަކާއެކު ކަމަށެވެ.
"އީފާސް ވާޝަން 2ގައި ވަރަށް އެޑްވާންސް ފީޗާތަކާއެކު އަޅުގަނޑުމެން މި ނެރެނީ." ކިނާނަތު ވިދާޅުވިއެވެ.
އޭގެތެރޭގައި އީ-ފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާން ޖެހޭ މައްސަލަ ހައްލުވުމާއި ހިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތައް ހައްލުވެ އަދި 10 އަހަރުން ދަށުގެ ކުޑަކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ ލޮގިންތައް ހެދޭނެ ފީޗާތައް ހިމެނޭނެ ކަމަށެވެ.
ކިނާނަތު ވިދާޅުވީ މިހާރުވެސް 2،72،000 މީހުން އީފާސް ބޭނުންކުރާ ކަމަށާއި ނަމަވެސް އޭގެތެރޭގައި އުމުރުން 10 އަހަރުން ދަށުގެ ކުދިން ނުހިމެނޭ ކަމަށެވެ. އެހެންވެ އާ ވާޝަންގައި އެކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ ލޮގިން އެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އީފާސް ބޭނުންކުރައްވާ ބޭފުޅުން އިތުރުވުން. އީފާސްގެ ޔޫސާސް ވަރަށް ބޮޑަށް މައްޗަށް ދާނެހެން ހީވަނީ އާވާޝަން އާ އެކީ." ކިނާނަތު ވިދާޅުވިއެވެ.
ކިނާނަތު ވިދާޅުވީ އީފާސްގެ ދެވަނަ ވާޝަނަށްފަހު އެއަށްވުރެ ވެސް އެޑްވާންސް ފީޗާތަކާއެކު ތިން ވަނަ ވާޝަންއެއް ވެސް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީފާސް ބޭނުންކުރަން ފަށާފައިވަނީ 2012 ވަނަ އަހަރެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު