އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ ކަމަށާއި ގައުމަށް ކުރިއެރުމާއި ތަރައްގީ ހޯދައި، އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

މިއަދަކީ ރާއްޖެއަށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވިތާ 21 އަހަރު ފުރުނު ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން ދަނީ ރާއްޖޭގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. އެއީ އެދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަން އާކުރުމުގެ ގޮތުންނެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު ގައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކު ވެސް ހިތްތަކުން ފިލައިގެން ނުދާނެ ކަމަށެވެ.

ރައީސް ވިދާޅިުވީ ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ. އުހުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ގައުމު ސަލާމަތްކޮށް، ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް ދިވެހީން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސުނާމީ ކާރިސާއިން ލިބުނު އިބުރަތްތައް ގިނަގުނަ ކަމަށެވެ. އެގޮތުން އެ މީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި މިފަދަ ހާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާއީ ފައިދާ ފެނިގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމު ކަމާއި ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އަބަދުމެ ތިބުމުގެ މުހިންމު ކަމުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައާ އެކުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާ ފެނިގެން ދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގަލެވެ. ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ކަނޑުއުޅަނދެއްގައި ނަމަ، ދޯންޏެއްގެ އޭގެ ބަނދަރަށް ދަތުރުކުރުމަށް ޓަކައި ނުވަތަ ފެންމަތީ އޮތުމަށްޓަކައި އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހިނމުންކޮށް ގުޅިފައި ހުންނަން ޖެހެއެވެ. ހަމަ އެފަދައިން ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި، އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވެއެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު ހަނދާން ކުރަންވީ ސުނާމީއަށްފަހު ދިރުވި އެއްބައިވަންތަކަން ކަމަށެވެ. އެއް ގައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމާާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަން ކަމަށް ރައީސް ވިދާޅުވިއެވެ.