މާލޭ ސަރަހައްދުގެ ވައި ނުސާފުވެ އެންމެ ނުރައްކާ މިންވަރަށް މިއަދު އަރާފައިވާ ކަމަށް އެއާ ކޮލެޓީ އިންޑެކްސް (އޭކިއުއައި) އިން ދައްކައިފިއެވެ.

ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމުކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުން މި ސަރަހައްދު މިހާރު ވަނީ ރަތް އެލާޓަށް އަރައިފައެވެ. އެއީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވުމެވެ. މާލޭ ސަރަހައްދުފެ ވައިގެ ކޮލެޓީ ހުރީ 175 ގައެވެ.

މިއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެނަށްވެސް ބޮޑު ހާލަތެކެވެ.

އައިކިއުއޭ އިން ދައްކާގޮތުގައި ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 90 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 18 ގުނަ މަތީ މިންވަރެކެވެ.

މާލޭ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.