ޓްރީ ޓޮޕް ހޮސްޕިޓަލުން، އެމްއާރުއައި (މެގްނެޓިކް ރިޒޮނަންސް އިމޭޖިން) ހިދުމަތް ދިނުމުގެ ހާއްސަ ކެމްޕޭން އިއުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ މާލީ ހުރަސްތައް ނައްތާލައި، ބަލި ދެނެގަތުމުގެ މުހިންމު ހިދުމަތްތައް އާންމުންނަށް ފަސޭހަކޮށްދިނުމެވެ.

މި މަހުގެ 9 ވަނަ ދުވަހުން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕޭނަކީ ހާއްސަކޮށް ދިވެހިންނަށް އަމާޒު ކޮށްގެން ހިންގާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕޭންގެ ދަށުން އެމްއާރްއައިގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޝުއަރެންސް ހަރަދުގެ އިތުރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް ބުންޏެވެ.

މި ކެމްޕޭންގެ މައިގަނޑު އެއް މަގުސަދަކީ، އެމްއާރުއައި ހެދުމުގެ ހަރަދު ބަލި މީހުންނަށް ހުރަހަކަށް ވެގެން، ބަލި ދެނެގަތުން ލަސްވިޔަ ނުދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލުން އުއްމީދު ކުރަނީ މި ފަދަ މުހިންމު ޑައިގްނޯސްޓިކް ހިދުމަތެއް ހިލޭ ދިނުމުގެ ސަބަބުން ބަލި މީހުންނަށް އަވަހަށް ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެގެން ދިއުން ކަމަށެވެ. އަދި މިއީ ކެންސަރު، ނާރުގެ ބަލިތައް، އަދި މަސްތަކާއި ކަށިތަކުގެ އަނިޔާ ފަދަ ބަލިތައް އަވަހަށް ދެނެގަތުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށެވެ.

އެމްއާރުއައި ހެދުމަށްޓަކައި ޑޮކްޓަރެއްގެ ރިފަރަލް ނުވަތަ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެއީ އެމްއާރުއައި ހެދުމަކީ ސިއްހީ ގޮތުން މުހިންމު ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ މި ކެމްޕޭނުގައި ބޭނުން ކުރާނީ ޒަމާނީ އެމްއާރުއައިގެ ސާމާނު ކަމަށާއި ނަތީޖާ ދިރާސާ ކުރާނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުން ކަމަށެވެ. މިއީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރިޕޯޓުތައް ސީދާކުރުމަށްޓަކައި ކަމަށެވެ.