ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރުގެ ތަރައްގީގެ ދޮރާށި ކަމަށާއި އެ ދޮރާއްޓަކީ އިންވެސްޓަރުންނަށް ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެހީގައި ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ ސަބަބުން މުޅި އުތުރުގެ ޓޫރިޒަމާއެކު އެހެނިހެން ދާއިރާތަކަށް ވެސް ތަރައްގީ އަންނާނެ ކަމަށެވެ.

ހަނިމާދޫގެ އެއާޕޯޓު ހުޅުވުމަކީ ދިވެހި ވިޔަފާރިވެރިންނަށް ވެސް، ވިޔަފާރި ފުޅާކުރުމަށް އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް އެއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. ރައީސް ވަނީ އިންވެސްޓަރުންނަށް އުތުރުގައި ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ދައުވަތު އަރުވައިފައެވެ.

ރައީސް ވިދާޅުވީ އުތުރުގެ ސަރަހައްދު އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، އެ ސަރަހައްދުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ހަނިމާދޫ އެއާޕޯޓު ކަމަށާއި މިއަދު ހާސިލުވެގެންދަނީ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް ކުރީން އިއުލާނުކޮށްފައިވެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.