ޔޫގަންޑާގައި ހިނގި އެކްސިޑެންޓެއްގައި 46 މީހަކު މަރުވެއްޖެއެވެ.

ޔޫގަންޑާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އިއްޔެ އެ ގައުމުގެ ކަމްޕާލާ ގުލޫ ހައިވޭގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގިނަ އަދަދެއްގެ ވެހިކަލްތަކެއް މުޑިއެރުމުގެ ސަބަބުންނެވެ.

މި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު ފުރަތަމަ ދަށްކޮށް ފުލުހުން އާންމު ކުރި ނަމަވެސް ފަހުން ވަނީ ޔަގީން އަދަދަކީ 46 ކަމަށް ބުނެފައެވެ.

މި ހާދިސާގައި ދަތުރުވެރިން ގޮވައިގެން ދަތުރުކުރި ދެ ބަހުގެ އިތުރުން ލޮރީއަކާއި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ޔޫގަންޑާގެ ރައީސް ޔޯވެރި މުސެވެނީ ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ތަހުގީގެއް ފެށުމަށް ގޮވާލައްވައިފައެވެ.

ރައީސް ޔޯވެރި ވަނީ މި ހާދިސާގައި މަރުވި ކޮންމެ މީހަކަށް ސަރުކާރުގެ ފަރާތުން 1،430 އެމެރިކާ ޑޮލަރު ދިނުމަށް ނިންމަވައިފައެވެ.