މިޔަންމާގެ ސްކޭމް ސެންޓަރުތަކަށް ސްޕޭސްއެކްސް ހިދުމަތް މެދުކަނޑާލައިފިއެވެ.

ސްޕޭސްއެކްސްގެ ސްޓާލިންކުގެ އިންޓަނެޓް ހިދުމަތް ދިނުމަށް ބޭނުންކުރާ ސެޓަލައިޓުތަކުގެ ތެރެއިން މިޔަންމާ އާއި ތައިލެންޑު ހިމެނޭ ސަރަހައްދުގެ އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައިވަނީ އެ ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ސްކޭމްތައް ހުއްޓުވުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ސްޕޭސްއެކްސް އިން ވަނީ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާކަމަށް ބެލެވޭ 30 އަށްވުރެ ގިނަ ސްކޭމް ސެންޓަރުގެ 2500 އަށްވުރެ ގިނަ ޑިވައިސްތަކުން އިންޓަނެޓުގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށް ފާހަގަކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދުގައި ހިންގާ ސްކޭމް ސެންޓަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު އޮޅުވާލައިގެން އެ ސަރަހައްދަށް ގެންގޮސް ގަދަކަމުން މަސައްކަތް ކުރުވައި ސްކޭމް ހިންގުމުގައި ބައިވެރިކުރުވައި އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދަމުން ދެއެވެ.

މިޔަންމާގެ ސްކޭމް ސެންޓަރުތަކުގައި ގަވައިދާ ހިލާފަށް ގެންގުޅޭ މީހުން ސަލާމަތް ކުރުމަށް އެ ގައުމުގެ މިލިޓަރީން ހޯމަ ދުވަހު ހިންގި ރެއިޑެއްގައި ވަނީ 2000 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އެސަރަހައްދުން ސްޓާލިންކުގެ 30 ޑިވައިސް ހޯދައިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.