އިސްރާއީލުން ހަވާލުކުރި 90 މީހުން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ވާގޮތަށް ދެފަރާތުން ވެސް އަންނަނީ އެއްބަސްވެފައިވާ ކަންކަން ފުރިހަމަކުރަމުންނެވެ.

ގާޒާގެ އޮފިޝަލުން ބުނެފައިވާގޮތުގައި، އިސްރާއީލުން ވަނީ އެއްބަސްވުމުގައި ވާގޮތަށް ފަލަސްތީނުގެ 90 މީހެއްގެ ހަށިގަނޑު ހަވާލުކޮށްފައެވެ. އިސްރާއީލުން 90 މީހެއްގެ ހަށިގަނޑު ހަމާސްއާ ހަވާލުކޮށްފައިވަނީ ހަމާސްއިން ވެސް އަސީރުންގެ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއީލާއި ހަވާލުކުރުމުންނެވެ.

ގާޒާގެ ހެލްތް މިނިސްޓްރީން ވަނީ އިސްރާއީލުން ހަވާލުކުރި 90 ހަށިގަނޑު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ތަޖުރިބާކާރުން ހިމެނޭ ހާއްސަ ކޮމެޓީއެއް ވެސް އެކުލަވާލާފައިވާކަމަށް ބުނެފައެވެ.

އިސްރާއީލާއި ހަމާސް އިން ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލައި ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައުމަށް އިސްރާއީލުން އިސްވެ އޮވެ ހަދާފައިވާ ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވާއިރު ހަމާސް އިން ހައްޔަރު ކުރި އަސީރުންގެ ތެރެއިން ދިރި ތިބި 20 މީހަކު މިނިވަން ކޮށްފައިވެއެވެ. އިސްރާއީލުން ވެސް ވަނީ އެ ގައުމުގެ ޖަލުތަކުގައި ތިބި 2000 އެއްހާ ފަލަސްތީނު މީހުން މިނިވަންކޮށްފައެވެ.