ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފިއެވެ.

އެ ޓްރައިބިއުނަލަށް އައްޔަނުކުރުމަށް އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ އާއި ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ، އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހު 8 ގައެވެ.

އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނީ ކޮމިޓީ މަރުހަލާގައި އެންމެ މަތިން މާކްސް ލިބުނު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. މަޑަވެލި، މޭނާ، މަހާޒް އަލީ ޒާހިރު ކަޓުވާލުމަށްފަހުއެވެ.

މިމަހުގެ 8 ގައި ބޭއްވި މަޖިލިސް ޖަލްސާގައި ކުރިއަށްގެންދިޔަ ވޯޓުގައި މަހާޒަށް ރުހުން ދޭން ފާސްކުރަން ވޯޓުދެއްވީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެެރެއިން އެންމެ ހަތަރު މެންބަރުންނެވެ. މަހާޒްގެ ނަން ފާސް ނުކުރަން 41 މެންބަރުން ވޯޓު ދެއްވިއެވެ.

ދެން އެއްސެވީ، ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު އަފީފާއި ޝައުފާގެ ނަމަށެވެ. ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެެރެއިން 53 މެންބަރުން އަފީފަށް ވޯޓު ދިން އިރު، ޝައުފާއަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.