ރާއްޖޭގެ ރައީސަކު އދ. ކުނބުރުދުއަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންފިއެވެ.

ކުނބުރުދުއަށް އެންމެ ފަހުން ރައީސަކު ވަޑައިގަތީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.

އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ކުނބުރުދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ކައުންސިލް ރައީސް މުހައްމަދު ޔަޒްމީ ވިދާޅުވީ، 16 އަހަރަށް ފަހު ރައީސަކު އެ ރަށަށް ވަޑައިގަތުމަކީ ރަށަށް ލިބުނު ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ވަނީ ކުނބުރުދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވައިފައެވެ.

ހަސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުނބުރުދޫއަކީ ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ކުޑަ ރަށެކެވެ. މިއީ އެ އަތޮޅުގެ ނިސްބަތުންވެސް އެންމެ ބިން ކުޑަ ރަށެވެ.