މި އަަހަރުގެ ހަޔަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ)ގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ވެފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އެޗްއެސްސީ ޕޭޕަރުގެ ބައެއް ބައިތައް އިމްތިހާނުގެ ކުރީން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ދަރިވަރުންނަށް ޕްރެކްޓިސްކުރަން ދިން ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ޝަފީއު "ވަން"އަށް މިއަދު ވިދާޅުވީ ޕޭޕަރުގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާކަމުގެ 100 ޕަސަންޓު ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އެކަން ބަލައިފިން، ޕޭޕަރު ކޮމްޕްރޮމައިޒެއް ނުވޭ، ޕޭޕަރު ލީކެއް ނުވޭ، އެކަމުގެ 100 ޕަސަންޓު ޔަގީންކަން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދިމާވެގެން އުޅޭނީ އިއްތިފާގެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.