ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓު ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން "15 ނޮވެމްބަރު 2023" ގައި އިއުލާންކުރި ލިސްޓު ކަމަށާއި އެ ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށް ހައުސިން މިނިސްތަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން އެ ފްލެޓުތަކުގެ ބައެއް ވިއްކަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
"15 ނޮވެންބަރު 2023 ގައި އިއުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް. އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައި ވާ ގޮތަށް. ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތައް އެކަނި،"
މިނިސްޓަރު ވިދާޅުވީ، އޭރު ގެޒެޓުކޮށްފައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށެވެ. އަދި އެ ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރުވަނީ މި ފްލެޓުތައް ވިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަތައް ދޮގު ކުރައްވައިފައެވެ.
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުންނެވެ. އޭރު ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓަކީ، ގިނަ ޝަކުވާތަކަކާ ގުޅިގެން އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަކީ ފްލެޓަށް ޝަރުތުހަމަނުވާ މީހުންނެވެ.
މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ހައްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަ ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.
ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް