މ. އަތޮޅު ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ގެންދުނު މ. އަތޮޅު ކޮޅުފުއްޓަށް ޒިޔާރަތް ކުރައްވައި، އެރަށު ރައްޔިތުންނާ އެއްކޮށް ބޭއްވެވި މަޝްވަރާތަކުގައެވެ.

ކޮޅުފުށީގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކޮޅުފުށީގައި މިހާރު ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ރަށުގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފެށި މަޝްރޫއަކީ ރަށުގެ އުމްރާނީ ތަރައްގީ އާއި ރަށުގެ އިގުތިސޯދާ ވެސް ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. މީގެއިތުރުން ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނެސްދެއްވާނެ ކަމަށާއި އަދި ސްކޫލްގައި ލައިބްރަރީއާ ހެލްތް ރޫމް ހިމެނޭހެން އިތުރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުސަތު ވަނީ ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ވ.ފ.މ އަދި ތ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ، ވ. އަތޮޅާއި ފ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

މިހާރު މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާއިރު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ތ. އަތޮޅުގެ ރަށްތަކަށެވެ.