ރައްޔިތުން، ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖީރިޓީއެއް ދީފައިވަނީ މިހާރު އޮތް ވެރިކަމަށް ވާގިވެރިވުމަށް ކަމަށާއި އެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުން ނިންމަނީ ފަސޭހަ ނިންމުންތަކެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުތުފުޅުގައި، އެމަނިކުފާނުގެ އަރުގައި މިއަދު ދިއްގަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިޖުތިމާއީ ތަރައްގީ އާއި ސިއްހީ ކަންތައްތައް ކުރިއަރުވަން ސަރުކާރުން ކުރާ މަސަައްކަތްތައް ފާހަގަ ކުރައްވައި، އެ ޖަލްސާގައި ނާޒިމް ވިދާޅުވީ، ހުރިހާ ކަމަކީ އިންފްރާންސްޓްރަކްޗާ ތަރައްގީކުރުމާއި އިމާރާތްތައް ހެދުން ނޫން ކަމަށެވެ.

އޭގެ އިތުރުން މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލުކުރަން ނުކެރިފައިވާ ކަންތައްތައް، މިސަރުކާރުން ހައްލު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެެވެ.

އެގޮތުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށާއި އަތްނުލެވި ދޫވެފައި ތިބި ޑްރަގްގެ އެންމެ ބޮޑުންނަށް ހައްގު އަދަބުދީ، އެކިއެކި ސްކޭމްތައް ހިންގުމަށްފަހު މުޖުތަމައުގައި ދޫވެފައި ތިބި މީހުން ހައްޔަރަށް ގެންދާތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ވެރިކަމަށް ވާގިވެރިވުމަށް ރައްޔިތުން ދީފައިވާ މަޖިލިހުގެ އަގުލަބިއްޔަތު ބޭނުންކޮށްގެން، މަޖިލީހުން ނިންމަމުންދަނީ ފަސޭހަ ނިންމުންތަކެއް ނޫން ކަމަށެވެ.

އެ ނިންމުންތަކުގެ ސަަބަބުން ފުރައްސާރަ އާއި ބަހުގެ ހަލާތައް އަމާޒުވަމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އުނދަގޫ ނިންމުންތަކެއް މަޖިލީހުން ނިންމަމުން މިދަނީ، ޑޮލަރާބެހޭ ނިންމުން، ޑްރަގާބެހޭ ނިންމުން، ދާދިފަހުން މީޑިއާބެހޭގޮތުން ނިންމި ނިންމުންތައްވެސް، ނަމަވެސް އެއީ މުޖުތަމައު މުޖުތަމައެއްގެ ގޮތުގައި އޮތުމަށް ނިންމަންޖެހޭ އުނދަގޫ ނިންމުންތަކެއް، ނަަމަވެސް މުސްތަގްބަލުގައި އެކަންތައްތަކުން ގައުމަށް ފައިދާކުރާނެކަން ސާބިތުވެގެންދާނެ،"