ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސަރުކާރުގެ އެއްވެސް ސިޔާސަތެއް ބައްޓަންނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ވ. ރަކީދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.

ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ރަކީދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ރަކީދޫގެ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ވ. ރަކީދޫގެ ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވައިފައެވެ.

ރައްޔިތުންގެ އެ ހުށަހެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްގީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާ އިރު، އެކަމަށްވެސް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.