މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޑީއެންއޭ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ތެލަަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު"ގެ ނަމުގައި އޮރެންޖު ހިޔާގައި ސެންޓަރެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ މިއަހަރާއި އަންނަ އަހަރަށް އިތުރަށް ކުރަން ނިންމާފައިވާ މުހިންމު ޕްރޮޖެކްޓުތަކުގެ ތެރޭގައި، ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލުކުރުމަށާއި ރައްކާތެރި ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާއިމުކުރެވޭ ޒަމާނީ މެޑިކަލް ޓެކްނޮލޮޖީގެ އެންމެ ހާއްސަ ޓެސްޓުތައް ތައާރަފުކުރުމަށް ބަޖެޓު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓުތަކުގެ ތެރެއިން ގާއިމުކުރެވޭ ޒަމާނީ މެޑިކަލް ޓެކްނޮލޮޖީގެ ހާއްސަ ޓެސްޓުތަކުގެ ތެރޭގައި ޑީއެންއޭ ޓެސްޓު ހިމެނޭނެ ކަމަށާއި އެއީ ތެލަސީމިއާ ޕޭޝަންޓުންގެ ނިސްބަތް މަދުކުރުމަށް ވެސް މުހިންމު ޓެސްޓަކަށްވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ތެލެސީމިއާ އެންޑް އަދާ ހިމޮގްލޮބިން ސެންޓަރު މާލޭ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްއާ ހަވާލުވުމާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް ހަލީމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިތުރުކުރުމަށް ނިންމެވި ފަންނީ މުވައްޒަފުން ވަޒީފާއަށް ނެގުމާއެކު މި ހިނގާ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ހިދުމަތް އިތުރަށް ފުޅާވެގެންދާނެކަން،" އޭނާ ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ރަށްރަށުގައި ދިރިއުޅޭ ތެލެސީމިއާ ޕޭޝަންޓުގެ ތެރެއިން އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މުހިންމު އަދި ޒަރޫރީ ހިދުމަތެއް ދެވޭނެ ކަމަށެވެ. އެގޮތުން ތެލަސީމިއާ ކޮންޓްރޯލުކުރުމުގެ ގާނޫނުގެ މަގުސަދު ފުރިހަމައަށް ހާސިލުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.