އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗެއާޕާސަންގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އައްޔަންކޮށް، މެނޭޖިން ޑިރެކްޓަރަކަށް ބަދުރުއްދީން ހަސަން އައްޔަނުކޮށްފިއެވެ.
އެސްޑީއެފްސީން މިއަދު ބުނިގޮތުގައި އޭގެ އިތުރުން ބީއެމްއެލްގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސް، ފާތިމަތު ފަރިހަތު ވަހީދުވެސް ވަނީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި އެ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައެވެ.
މި ބަދަލާއެކު އެސްޑީއެފްސީ ބޯޑުގެ ޑިރެކްޓަރުންނަކީ:
- މުހައްމަދު ޝަރީފު
- ބަދުރުއްދީން ހަސަން
- ފާތިމަތު ފަރިހަތު ވަހީދު
- ފާތިމަތު އަޒްމާ
- އަހުސަލް މުހައްމަދު
- ފާތިމަތު ޔަމްނާ
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ގައެވެ.
އޭރު ރައީސް އޮފީހުން ބުނިގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކައިލުމުން، އެ ބޭންކުގެ މާލީ ގާބިލުކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލުން ހުށަހަޅާފައިވާ ކަމަށާއި އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށްއޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލުން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި، ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ ބީއެމްއެލްގެ ދަށުން ހިނގަމުންދާއިރުވެސް، އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓުތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށާއި އަދި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް