ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އެ މަޝްވަރާތައް ކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.
އެސްސީއޯ ސަމިޓުގެ ހަވާސާގައި ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިގްތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން ފުޅާ ކުރެއްވުމަށް މަޝްވަރާ ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި އިގްތިސޯދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުން ހިމެނޭ ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު