ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ފުޑްސް އެންޑް ސައިންސް ފެކަލްޓީ އުފައްދައި އެ ފެކަލްޓީ އިމާރާތް ތޮއްޑޫގައި ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހާއްސަ ރަށަކަށްވާތީ އެ ރަށުގައި ދަނޑުވެރިކަމާ ގުޅޭ އެމްއެންޔޫގެ ފެކަލްޓީ އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ ހަޔާ އެޑިއުކޭޝަން ސިޔާސަތުގެ ތެރެއިން އެންއެންޔޫގައި ފެކަލްޓީ އޮފް ފުޑްސް އެންޑް ސައިންސް އުފައްދައި އެ ފެކަލްޓީގެ އިމާރާތް ގާއިމުކޮށް ހިންގާނީ މި ރަށުގައި ކަމަށް ވާނީ ނިންމާފައި. އެހެންވީމަ އެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ. މިކަން ވެގެންދާނީ އެތައް ގޮތަކުން ރަށަށް ކުރިއެރުން ލިބޭނެ ކަމަކަށް. ތައުލީމީ ގޮތުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މި ރަށަށް އައިސް ކިޔެވުމާއި އަދި އޭގެ ތެރެއިން ސީދާ އަދި ނުސީދާ އެތައް ފައިދާއެއް ހުންނާނެ. އެ މަޝްރޫއުވެސް އޮތީ ތަރުތީބުވެފައި، މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތޮއްޑޫގެ 30 އެނދުގެ ސިއްހީ މަރުކަޒުގެ މަޝްރޫއު އަމަލީގޮތުން ފެށުމުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއުގެ ޑިޒައިންގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫވެސް ހިމެނުމުގެ ފުރުސަތު އޮތުމުން، ސިއްހީ މަރުކަޒުގެ ބަދަލުގައި ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ގާއަތުރައިގެން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ޓޫރިޒަމް ކުރިއަރާފައިވާ ރަށެއްގައި އެގޮތަށް މަގު ހެދުމަކީ އެ މަނިކުފާނު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ އަހަރު އެ ރަށަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ވެސް އިއުލާން ކުރައްވައިފައެވެ.