މިިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ މުޅި ރާއްޖެ ސިއްސުލާވީ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެ 17 އަހަރުގެ ކުއްޖެއްގެ މަރުގެ ހަބަރުންނެވެ.

މަރުވެފައިވަނީ، މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އަލްސަން އެވެ.

އަލްސަންގެ ވަކިވުމަށްފަހު އަޝްފާގެ ސޯޝަލްމީޑިއާގައި އޭނާގެ އިހުސާސްތައް އެހާބޮޑަށް ކިޔައެއް ނުދެ އެވެ. ނަމަވެސް ދަރިފުޅުގެ މަރަށް އެއްމަސްދުވަސް ވީފަހުން މިއަދު އަޝްފާވަނީ އޭނާގެ އިހުސާސްތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.

"އަލްސަން ދަރިފުޅާ ...

ދަރިފުޅު ވަކިވެ ދިޔަތާ މިއަދަކީ އެއްމަސް ފުރިހަމަ ވީދުވަސް.

މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ބޮޑު ހިތްދަތިކަމެއް." ދިގު އެޕޯސްޓު ފަށަމުން އަޝްފާ ލިޔެފައިވެ އެވެ.

އަޝްފާ ބުނެފައިވާ ގޮތުގައި ހުރި ހަމައެކަނި ދަރިފުޅުގެ ވަކިވުމަށްފަހު އޭނާ އާއި ތޭރަވާގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބިގެން މިދަނީ اللہ سبحانہ وتعالیއާއި އެ ދަރިފުޅު ދެކެ ވާ ލޯބީގެ ހައްގުގާ މިކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހްސާސްކުރެވޭ ކަމަށެވެ.

އަބަދުވެސް ދަރިފުޅާއި އާއިލާއާއެކު ހިއްސާކުރާ އުފާވެރި ވަގުތުތައް ސޯޝަލްމީޑިއާގައި އޭނާ ހިއްސާކުރެ އެވެ. ނަމަވެސް އޭގެ ބަދަލުގައި މިއަދު އޭނާ ހިއްސާކުރީ އެ ދަރިފުޅާ ނުލައި ހޭދަކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ.

އަޝްފާ އާއި އޭނާގެ ދަރިފުޅު އަލްސަން --

މަންމަޔާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާވެސް އަލްސަން ދެކެ އިންތިހާއަށް ލޯބިވާކަން އަޝްފާ ހާމަކުރި އެވެ. އަދި ހަމަ އެގޮތަށް އަލްސަންގެ އެންމެ ގާތް ކުދީންނާއި އެކުވެރީންނާއި އެކުދީންގެ މަންމަމެން ބައްޕަމެން ވެސް އަލްސަން ދެކެ ލޯބިވާކަމަށް އަޝްފާ ބުންޏެވެ.

"އެ ހުރިހާ ހިތްތަކެއްގައު ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއް ވާކަން ދަރިފުޅުގެ ވަދާޢީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިޙްސާސް ކުރެވިގެންދިޔަ. އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި اللہ سبحانہ وتعالیގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން."

އޭގެ އިތުރުން އޭނާ އަލްސަންދެކެ ވާ ލޯބި ވަރަށް ފުރިހަމަޔަށް އެ ޕޯސްޓުގައި ވަނީ ސިފަކޮށްދީފަ އެވެ.

"މި ލޯތަކުން ކަރުނަފޫދެނީ ދަރިފުޅުދެކެވާ އިންތިހާ ދަރަޖައިގެ ލޯތްބަށްޓަކާ.

މި ނޭވާތައް ހިނގަނީ ދަރިފުޅަށްޓަކާ،

މި ނިތްތައް ތިރިވަނީ ތިޔަ ހައްގުގާ، ހަމަ ދަރިފުޅަށްޓަކާ،

މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކާ،

މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާހިރަތް ބާއްޖަވެރި ވުމަށްޓަކާ." އަޝްފާ ލިޔެފައިވެ އެވެ.

އެ ޕޯސްޓު ނިންމާލަމުން އޭނާވަނީ ސުވަރުގޭގެ ދާއިމީ ރަހުމަތާއި ނިއުމަތުގައި އޭނާގެ ދަރިފުޅު ލެއްވުން އެދި އަދި ދަރިފުޅާއެކު ސުވަރުގޭގައި ވުމަށްޓަކައި ތާ އަބަދު ގަދައަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

"ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ ...... " އެ ޕޯސްޓު ނިންމައިލަމުން ލިޔެފައިވެ އެވެ.