ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން އިތުރު މަޝްރޫއެއް ހިންގަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ވަނީ ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ މަސައްކަތަކީ 2023 ވަނަ އަހަރު އެމްޓީހޯގާޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރު މަޝްރޫއެއް ހިންގަން ޖެހޭކަން ފާހަގަކުރައްވައި ރައީސް މިއަދު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރި ނަމަވެސް މުޅި މައްސަލަ ހައްލު ނުވާ ކަމަށެވެ.
"މިހާރުވެސް އިތުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ރަށެއް، އުތުރުފަރާތުގައި ހާއްސަކޮށް. އެހެންވީމަ އާ މަޝްރޫއެއް އެކަމަށް އަލުން ހިންގަން ނިންމާފަ މިވަނީ. އެ މަޝްރޫއު މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ކުރާނަން. ބަޖެޓްކޮށް އަންނަ އަހަރުގެ ތެރޭގައި ރަށުގައި ދެން ހިމާޔަތް ކުރަން ޖެހޭ ސަރަހައްދު ވެސް ހިމާޔަތްކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ސޮއި ކުރި ސްކޫލު އެކްސްޓެންޝަން އިމާރާތާ އެކު އެރަށުގެ ސްކޫލުގައި ސައިންސް ލެބްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އެ މަޝްރޫއުތައް ނިމުމުން ޖާގައިގެ ދަތިކަން ހައްލުވެ، އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އިންޖީނުގެ މިހާރު ހުރި ސަރަހައްދުން ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް ފެށޭނެ ގޮތަށް ކަންކަން ތަރުތީބު ކުރަމުން ގެންދާ ކަމަށާއި މި އަހަރު ފެނަކައިގެ އާ އިމާރާތާ އެކު ކައުންސިލުން ހަމަޖައްސާދީފައިވާ ބިމުގައި އެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އެރަށުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އިތުރު ވަސީލަތްތަކާ އެކު ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު