ކަމަދޫ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ކަމަދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ރަށެއް ކަމަށެވެ. އަދި މިރަށުގައި ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ވަރަށް ބޮޑު އިގުތިސޯދީ ފައިދާއެއް ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން، އަދި މިކަމުގައި އައިލެންޑް އޭވިއޭޝަން އާއި ހޯކްސްއާ އެކީގައި އެއްބަސްވުމުގައި ސޮއި ކުރެވިގެންދިއުމުން އެ ދެ ކުންފުންޏަށް ޝުކުރުއަދާ ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިގުތިސޯދީ ކުރިއެރުމަށް ވަރަށް ގިނަ ކަންކަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ހާއްސަކޮށް އެރަށުގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މިރަށުގައި މިހާ ރަނގަޅަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާތީ، ޕިކްނިކް ދާނެ ވަސީލަތެއް ނެތް، ކައިރީގައި އޮތް ފަޅުރަށެއް ހަމަޖައްސައިދެވޭތޯ އެކަމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ މަގުހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވީ ނަމަވެސް، އެ މަނިކުފާނު ވެސް ގަބޫލުކުރައްވަނީ ޓޫރިޒަމް ފުޅާވެފައިވާ މިފަދަ ރަށްރަށުގައި އެންމެ ރަނގަޅު ގޮތަކީ ގާ އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހެދުން ނޫން ކަމަށެވެ.

"ހާއްސަކޮށް މިގޮތަށް ވަރަށް ބައިވަރު ޓޫރިޒަމް ގެސްޓްހައުސްތައް ޑިވެލޮޕްވަމުން އަންނަ ޓޫރިޒަމް ބޮޑަށް ފުޅާވެގެން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަކަށް ރަށުގެ ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވި ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށް ވަންޏާ އެ ކޮންސެޕްޓްގައި އެކަން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، ރަށަށް އިގުތިސޯދީ ގޮތުން އިތުރު ކުރިއެރުން ލިބޭ ގޮތަށް މަގުހެދުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަމަދޫގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާ އިރު، ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ވަސީލަތްތައް އިތުރުކުރުމާ އެކު ޖާގަ ބޮޑު ކުރުމަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވިއެވެ. ނޮވެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.