ޓޫރިޒަމް ކުރިއަރަމުން އަންނަ ކުދި ރަށްރަށުގައި ގާ އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. ކަމަދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކަމަދޫގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާ އިރު، ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އަންނަ މަހުގެ ތެރޭގައި އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ވަސީލަތްތައް އިތުރުކުރުމާ އެކު ޖާގަ ބޮޑު ކުރުމަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވިއެވެ. ނޮވެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން މިރަށުގައި މިހާ ރަނގަޅަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާތީ، ޕިކްނިކް ދާނެ ވަސީލަތެއް ނެތް، ކައިރީގައި އޮތް ފަޅުރަށެއް ހަމަޖައްސައިދެވޭތޯ އެކަމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރަށުގެ ކުޅިވަރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެވަޑައިގެންނެވި ވައުދުތައް މިއަހަރު ފުއްދަވައިދެއްވާނެ ކަމަށާއި އެގޮތުން ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކަމަދޫގެ މަގުހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވީ ނަމަވެސް، އެ މަނިކުފާނު ވެސް ގަބޫލުކުރައްވަނީ ޓޫރިޒަމް ފުޅާވެފައިވާ މިފަދަ ރަށްރަށުގައި އެންމެ ރަނގަޅު ގޮތަކީ ގާ އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހެދުން ނޫން ކަމަށެވެ.
"ހާއްސަކޮށް މިގޮތަށް ވަރަށް ބައިވަރު ޓޫރިޒަމް ގެސްޓްހައުސްތައް ޑިވެލޮޕްވަމުން އަންނަ ޓޫރިޒަމް ބޮޑަށް ފުޅާވެގެން އަންނަ ރަށްރަށުގައި ވީހާވެސް ބޮޑަކަށް ރަށުގެ ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވި ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށް ވަންޏާ އެ ކޮންސެޕްޓްގައި އެކަން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، ރަށަށް އިގުތިސޯދީ ގޮތުން އިތުރު ކުރިއެރުން ލިބޭ ގޮތަށް މަގުހެދުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން އެރަށުގައި މިސްކިތެއް އިމާރާތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ވޯޓަށް ޖަހާ ކަޑަ
މޫސާ - 10 މަސް ކުރިން