ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން، ވިސްލްބްލޯވަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
މި މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއާ މަސައްކަތް ހަވާލުކޮށްފައެވެ.
ޕޮލްކޯ ކޮރަޕްޝަނާބެހޭ މައްސަލަ ބަލައި އެކަމާބެހޭ ރިޕޯޓެއް ސަބް ކޮމިޓީން އެކުލަވާލައި އިއްޔެގެ ކޮމިޓީ ބައްދަލުވުން ފާސްކޮށް އެ ރިޕޯޓް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.
ސަބްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ޕޮލްކޯ ކޮރަޕްޝަންގެ މައްސަލަ ސަބް ކޮމިޓީން ބަލަން ފެށުމުން، އެ މައްސަލައާ ގުޅޭ އިތުރު މައްސަލަތަކެއް ވިސްލްބްލޯވަރުންގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބެލުމަށްވެސް މާލިއްޔަތު ކޮމިޓީން ސަބް ކޮމިޓީއާ ހަވާލުކޮށްފައިވާ ކަަމށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ވިސްލްބްލޯވަރުން ފޮނުވި މައްސަލަތަކަކީ ހަގީގަތެއްތޯ އަދި އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއްތޯ ބެލުމަށް މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.
އެ މައްސަލަތަކަކީ ހަގީގަތެއްތޯ ބެލުމަށް، ޝަރުއީ ކޯޓުތަކާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއިން ކަމާބެހޭ މައުލޫމާތު ހޯދާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެތަންތަނުން ފޮނުވި މައުލޫމާތުތަކުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި އެމީހުންގެ އާއިލާ މެންބަރުންނާއި އެމީހުންގެ ދަރިއެއްގެ ވާހަކަ އޮތުމުން މަސްލަހަތު ބޮޑީ ސިއްރު ބައްދަލުވުމުގެ ގޮތުގައި އެ ބައްދަލުވުން ކުރިއަށްގެންދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ކޮމިޓީ ސިއްރު ލުަރަންޖެހޭ ސަބަބަކީ ދައުލަތުގެ މުއައްސަސާތަކުން ލިބިފައި ހުރި މައުލޫމާތުތަކުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންނާއި އެމީހުންގެ އާއިލާގެ މެންބަރުންނާއި އެމީހުންގެ ދަރިއެއްގެ ވާހަކައޮތީމަ މަސްލަހަތު ބޮޑުވެެގެންވަނީ ކޮމިޓީ ބައްދަލުވުން ސިއްރުން ގެންގޮސްފައި ކޮމިޓީން އެކުލަވާލާ ރިޕޯޓާމެދު މަޝްވަރާކުރުން،"
އެހެން ވިދާޅުވެ ކޮމިޓީ ބައްދަލުުވުން ސިއްރުކުރަން ވޯޓަށް އެހުމުން އެގޮތަށް ފާސްވެ ބައްދަލުވުން ސިއްރު ކުރިއެވެ.
ނާޒިމް ވިދާޅުވީ ޕޮލްކޯ މައްސަލައާ ގުޅިގެން ވިސްލްބްލޯވަރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ކޮމިޓީއަށް ފާހަގަވެފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ